ސިޔާސީ

މަޖިލިސް އިންތިހާބާއި ދިމާކޮށް ކޮރަޕްޝަނާއި ދެކޮޅަށް އޭސީސީން ކެމްޕެއިންނެއް ފަށައިފި


އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބާއި ގުޅުވައިގެން ކޮރަޕްޝަނާއި ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ކެމްޕެއިނެއް ފަށައިފިއެވެ.

"އިންތިޚާބީ ކޮރަޕްޝަން ހުއްޓުވުން 2019" މި ނަމުގައި އޭސީސީ ފެށި މި ކެމްޕެއިނަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކޮރަޕްޝަނުން ލިބޭ ގެއްލުމުގެ މައްޗަށް ޢާއްމުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

ކެމްޕެއިނާއި ގުޅޭގޮތުން އޭސީސީން މިއަދި ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ފެށި ކެމްޕެއިންގެ މަޤްޞަދަކީ ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއަރުވައި، އަދި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން އާންމުކޮށް ހާމަ ކުރަންޖެހޭ ކަންކަން ހާމަކުރުން ކަމަށެވެ.

އަދި އިންތިޚާބު ތެރޭގައި ހިނގާފާނެ ކޮރަޕްޝަންގެ ޢަމަލުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމާއި އިންތިޚާބުގައި ނަޒާހަތްތެރިވުމަށާއި ނަޒާހަތްތެރި ކެންޑިޑޭޓެއް އިޚްތިޔާރުކުރުމަށް ބާރުއެޅުވުމަކީވެސް ކެމްޕެއިންގެ މަޤްޞަދެއް ކަމަށް އޭސީސީ ބުނެއެވެ.

ޢާއްމުން ހޭލުންތެރި ކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރޭގައި އެކިއެކި ޓިވީ ޗެނަލްތައް މެދުވެރިކޮށް އިންތިޚާބީ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ މައުޟޫޢުތަކަށް މަޢުލޫމާތު ދިނުމާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ހޭލުންތެރިކުރުމުގެ ތަފާތު މެސެޖުތައް ގެނެސްދިނުމާއި، އިންތިޚާބީ ކޮރަޕްޝަނާ ގުޅޭގޮތުން ވީޑިއޯ ސްޕޮޓް ތައްޔާރުކޮށް ރާއްޖޭގެ އެކިއެކި ޓީވީތަކުން ދެއްކުން ހިމެނެއެވެ.

އޭސީސީން ބުނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ބިތުފަންގި ރޭޑިއޯ ޕްރޮގްރާމުތަކުގައި އިންތިޚާބީ ނަޒާހަތްތެރިކަމާ، އިންތިޚާބީ ކޮރަޕްޝަން ހުއްޓުވުވުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ގެނެސްދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ.

އޭސީސީން ބުނީ އެކޮމިޝަނުން ފެށި "އިންތިޚާބީ ކޮރަޕްޝަން ހުއްޓުވުން 2019" ކެމްޕެއިނުގެ ޒަރިއްޢާއިން އިންތިޚާބީ ކޮރަޕްޝަނާމެދު މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުވެ، އިންތިޚާބުތަކުގައި ނަޒާހަތްތެރިކަން އިސްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުވެގެން ދިއުމަކީ އެކޮމިޝަނުގެ އުއްމީދެއް ކަމަށެވެ.