ޚަބަރު

މަރުގެ އަދަބު ދިނުމުގެ ޤަވާއިދަށް ދަންޖެއްސުން އިތުރުކުރަނީ


މަރުގެ އަދަބު ދިނުމުގެ ގަވާއިދުގައި، ދަންޖައްސައިގެން މީހުން މެރުމުގެ އަދަބު ހިމެނުމަށް ބަންޑާރަ ނައިބަށް ހުށައަޅާފައިވާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ގަސްތުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވައިދުގެ ނަމުގައި ހަދާފައިވާ ގަވައިދު ސަރުކާރުން ގެޒެޓްކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ ހަތާވީހުގައެވެ.އެގަވާއިދުގައި މަރުގެ އަދަބު ދިނުމަށް ހިމަނާފައިވަނީ ހަމައެކަނި ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ.އެމްބީސީގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ ގަވައިދުގައި ލީތަލް އިންޖެކްޝަން ޖަހައިގެން މެރުމަށް ބުނެފައިވީނަމަވެސް، މެރުމުގެ އަދަބު ތަންފީޒްކުރާނެ ދެވަނަ ގޮތަކީ ދަންޖައްސައިގެން ހުކުމް ތަންފީޒުކުރުންކަމަށް ހިމެނުމަށް ބަންޑާރަ ނައިބަށް ދަންނަވާފައިވާނެކަމަށެވެ. ނަމަވެސް އެވަގުތަކު އެކަންކުރަން ފެންނަ އެންމެ ރަނގަޅު ގޮތަކަށް މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ގޮތެއް ނިންމަވާނީ ހޯމް މިނިސްޓަރު ކަމަށްވެސް ވިދާޅުވިއެވެ.މިނިސްޓަރ އުމަރު ވިދާޅުވީ މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށްފަހު، އެމީހާގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމުން އެމީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރާނެކަމަށާއި، އެކަމަށް ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ.އެގޮތުން ސުޕްރީމް ކޯޓުން މަރުގެ މައްސަލައެއް ނިމިގެން އައުމަށް ފަހު ސާޅީސް ފަސް ދުވަހާއި ފަސްދޮޅަސް ދުވަހާއި ދެމެދު މަރުގެ ޙުކުމް ތަންފީޒު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.މަރުގެ ހުކުމް ތަންފީޒްކުރުމުގެ ގަވާއިދުގައި ބުނެފައިވަނީ، މަރުގެ އަދަބް ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައެއް ބެލުމަށްފަހު މަރުގެ ހުކުމް އިއްވައިފިނަމަކަމަށާއި، މަރުގެ ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރަން ރައީސުލްޖުމްހޫރިއްޔާއަށް އަމުރު ނެރެވޭނީ ތިން ފަރާތެއްގެ ލިޔުން ލިބިގެން ކަމަށެވެ. އެއީ ޕްރޮސެކިއުޓާ ޖެނަރަލްއާއި، ކޮމިޝަނަ އޮފް ޕްރިޒަންސްއާއި އަދި އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަރާތަށްކަމަށެވެ. މިތިން ފަރާތުގެ ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް އަމުރުކުރަންވާނެ ކަމަށް އެގަވައިދުގައި ބުނެފައިވެއެވެ.