ވިޔަފާރި

ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖުގައި ދިވެހި ކުންފުނިތަކަށް ފުރުސަތު އެބައޮތް - ރޭ އަބޭވަރަދޭނަ


ސްރީލަންކާގެ ހިއްސާގެ ބާޒާރުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ފުރުސަތު އެބައޮތްކަމަށް ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖުގެ ޗެއަރމަން ރޭ އަބޭވަރަދެނަ ވިދާޅުވެއްޖެއެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން ބޭއްވި ގޯލްޑް 100 އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖެ ވަޑައިގެން އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރޭ އަބޭވަރަދޭނަ ވިދާޅުވީ، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އިޤްތިސާދު މެކުހަށް ޖަހައިލެވޭނެ ޤާބިލުކަން ހުރިކަމަށް ޤަބޫލުކުރައްވާކަމަށެވެ.
އަދި ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްއާއި ކޮލޮމްބޯގެ ސްޓޮކް އެކްސްޗޭންޖާއި ދެމެދު ގުޅުން ބަދަހިކޮށް ކެޕިޓަލް މާކެޓްގެ ދާއިރާއިން ނަތީޖާ ނެރެވޭ މަސައްކަތެއް ކުރުމަކީ ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖުން އުއްމީދު ކުރަމުން އަންނަ ކަމެއްކަމަށް ރޭ އަބޭވަރަދޭނަ ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި، ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖް ގުޅިގެން މިދިޔަ އަހަރު ވަނީ މަލްޓި ކަރަންސީ ބޯޑެއް އެކުލަވާލާފައެވެ. މިކަމަށް އިޝާރާތްކުރައްވައި ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖްގެ ޗެއަރމަން ރޭ ވިދާޅުވީ، ވިދާޅުވީ މިއީ ދެޤައުމުގެ ހިއްސާގެ ބާޒާރުގެ މުސްތަޤްބަލުގެ ކުރިއެރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށެވެ. މިކަމުގެ ސަބަބުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ސްރީލަންކާގެ ހިއްސާގެ ބާޒާރުން ރަނގަޅު ފުރުސަތުތައް ލިބިގެންދާނޭކަމަށް ރޭ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރޭ ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ކުރިއެރުމަށް ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

ކޮލޮންބޯ ސްޓޮކް އެކްސްޗޭންޖުގެ ޗެއަރމަން ރޭ އަބޭވަރަދެނައާއިއެކު އެކުންފުނީގެ ސިއީއޯ ރާޖީވް ބަންޑާރަނައިކަ ވެސް ވަނީ ރާއްޖެ ވަޑައިގެން ގޯލްޑް 100 އެވޯޑު ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.

ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖުން، ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިވެދޭނޭކަމުގެ ޔަޤީންކަން ދީފައިވާއިރު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ދައުރު ފުޅާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ހަރަކާތް ފެށުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ކުންފުންޏަށް ލައިސަންސް ދީފައިވަނީ 2008 ވަނަ އަހަރުއެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު ވުޖޫދަށް އައިތާ މިއަހަރަށް 11 އަހަރު ފުރޭއިރު، ހިއްސާގެ ބާޒާރުގައި މިހާތަނަށް 9 ކުންފުންޏެއް ވަނީ ލިސްޓްކޮށްފައެވެ.

ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ، އެމްޓީސީސީ، އެސްޓިއޯ، ބީއެމްއެލް، އެމްޓީޑީސީ، ދިރާގު، އުރީދޫ، އަމާނާ ތަކާފުލް، ސެންޗޫރިއަން، އަދި އެޗްޑީއެފްސީ އެވެ.