ސިޔާސީ

އިންތިޚާބުގައި ވާދަކުރަން އަލުން ހުޅުވާލާނަން، ހަމަޖެހިފައިވާ ތާރީޚުގައި ވޯޓުލުން އޮންނާނެ - އީސީ


ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ބުނެ، ސުޕްރީމް ކޯޓުން ޙުކުމް ކުރިނަމަވެސް ރައްޔިތުން މަޖިލިސް އިންތިޚާބު ބާއްވަން އޮތް ތާރީޚަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ބުނެފައި މިވަނީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އަމިއްލަ ގޮތުންވެސް އަދި ސިޔާސީ އެހެން ޕާޓީއަކުންވެސް ވާދަކުރެވޭނެ ކަމަށްބުނެ ސުޕްރީމް ކޯޓުން މިއަދު ޙުކުމްކޮށްފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ޙުކުމާއި ގުޅިގެން އިލެކްޝަންސްގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމުގައި ޕްރައިމަރީން ބަލިވާ ފަރާތްތަކަށް ވެސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އަންނަ މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް ހުޅުވާލިޔަސް އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވާ ދުވަހަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެދުވަހަށް އިންތިޚާބު ބާއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް:

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުޞްތަފާ ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ކޯޓުން އެފަދަ ޙުކުމެއް ކުރުމުން އެ ޙުކުމަށް އީސީން ބޯލަނބާނެ ކަމަށެވެ. އަދި ޙުކުމްގައި ބުނެފައިވާ ގޮތަށް އީސީން ޢަމަލު ކުރާނެ ކަމަށާއި އެހެންކަމުން މިއަދުގެ ވަގުތެއްގައި އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވައިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ އަންނަ މަހުގެ ހަތަރުވަނަ ދުވަސް ނުވަތަ އޭގެ ފަހުގެ ތާރީޚަކަށް ފޯމް ހުށަހެޅުމަށް ސުޕްރީމް ކޯޓުން އަމުރު ކުރިނަމަ، އިންތިޚާބު ބާއްވަން އޮތް ތާރީޚަށް އިންތިޚާބު ބޭއްވުމަށް ދަތިތަކާއި ކުރިމަތިވާނެ ކަމަށެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަށް މެންބަރުން އިންތިޚާބުކުރާއިރު، 395 މީހަކު ވަނީ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައެވެ. ނަމަވެސް އޭގެތެރެއިން އެއް ބޭފުޅަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަންކޮމިޝަނުން ވަނީ ބުނެފައެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 507 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، 39 ރިސޯޓާއި، ބޭރުގެ 7 ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހުންނަށެވެ.