ވިޔަފާރި

މުއާމަލާތްނުކުރާ 5 އަހަރުވެފައިވާ 462 އެކައުންޓެއް ބީއެމްއެލްއިން ބަންދުކުރަނީ


ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން އެއްވެސް މުއާމަލާތެއް ނުކުރާތާ 5 އަހަރުވެފައިވާ 462 އެކައުންޓެއް ބަންދުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކްގައި ހުޅުވާފައިވާ، މި އެކައުންޓުތަކުގައި ހުރި ފައިސާ އަންނަ ޖޫން މަހަށްފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއާއި ހަވާލުކުރަން ނިންމާފައިވާކަމަށެވެ.

ފަސް އަހަރު ދުވަސް ވަންދެން އެކައުންޓެއްގެ ވެރިފަރާތުން އެކައުންޓަކުން އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާނަމަ އެ އެކައުންޓެއް "ޑޯމަންޓް އެކައުންޓް" އަކަށް ނުވަތަ މުޢާމަލާތް ނުކުރާ އެކައުންޓެއްގެ ގޮތުގައި ކަނޑައެޅިގެންދާނެކަމަށް ދިވެހިރާއްޖޭގެ ބޭންކިންގ ގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ބީއެމްއެލްއިން ބުނީ އެބޭންކުގައި ފާއިތުވި 5 އަހަރު ދުވަސް ވަންދެން އެއްވެސް މުޢާމަލާތެއް ނުކޮށް ހުރި އެކައުންޓުތަކުގެ ވެރިފަރާތްތަކަށް އެކައުންޓާއި މެދު އަމަލުކުރަންވީ ގޮތެއް ބޭންކަށް އަންގައިދިނުމަށް އެދި ސިޓީ ފޮނުވާފައިވާކަމަށެވެ. ދީފައިވާ މުއްދަތުގެ ތެރޭގައި ބޭންކައް އެއްވެސް ޖަވާބެއް ދީފައިނުވާ ހުރިހާ ފަރާތެއްގެ ނަންތައް މިހާރު ބޭންކުން ވަނީ ލިސްޓުކުރުމަށްފަހު ގެޒެޓްގައި ޝާޢިއުކޮށްފައެވެ. ބީއެމްއެލްއިން ބުނީ، 60 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެކެއް ޖޫންގެ ފަހުން މި އެކައުންޓުތައް ބަންދުކޮށް އެކައުންޓުތަކުގައި ހުރި ފައިސާ އެމްއެމްއޭއާއި ހަވާލުކުރާނެކަމަށެވެ.

އެކައުންޓުތަކުގައި ހުރި ފައިސާ އެމްއެމްއޭއާއި ހަވާލުކުރުމަށްފަހު ފައިސާ އަނބުރާ ހޯދައްވަން ބޭނުންފުޅުވާ ފަރާތްތަކުން "ޑޯމަންޓް އެކައުންޓްގައި ހުރި ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމް" ބޭންކް އޮފް މޯލްޑިވްސްއަށްް ހުށަހެޅުމުން ފަސޭހަކަމާއެކު ފައިސާ ލިބޭނެކަމަަށް ވެސް ބޭންކުން ބުނެއެވެ.
އެހެންކަމުން، އެކައުންޓު އެކްޓިވޭޓްކުރުމަށްޓަކައި ބޭންކުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ސިޓީއެއް މެދުވެރިކޮށް ބޭންކަށް ހުށަހެޅުމުން ބޭންކް އެކައުންޓު އެކްޓިވޭޓްކޮށް އެކައުންޓުން ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.