ސިޔާސީ

ޕްރައިމަރީން ބަލިވިޔަސް އިންތިިޚާބުގައި ވާދަކުރެވޭނެ - ސުޕްރީމް ކޯޓު


ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް މާއްދާ އުވާލައި، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށްވެސް އިންތިޚާބުގައި ވާދަކުރެވޭގޮތަށް ނިންމައި ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު ތިންވަނަ އިޞްލާޙާ ގުޅޭގޮތުން ދައުލަތުގެ މައްޗަށް ރައްދުވާގޮތަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އަބްދުﷲ ޖާބިރާއި، ޢަބްދުލް މާނިޢު ހުޞައިނެވެ. މި ދެބޭފުޅުންގެ ތެރެއިން ޖާބިރަކީ އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެ ވަޑައިގެން ބޭފުޅެކެވެ.

މި މައްސަލައިގެ ޙުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ކުރި ޙުކުމްގައި ބުނެފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވެފައިވާ ކެންޑިޑޭޓަކަށް އަމިއްލަ ގޮތުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކުން ވާދަކުރުމުގެ ފުރުޞަތު އިލެކްޝަނުން ހުޅުވާލަން އަމުރުކުރާ ކަމަށެވެ. އަދި އެފަރާތްތަކުން ފޯމް ހުށަހަޅައިފި ކަމަށްވާނަމަ އެ ފޯމެއް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައި.

މައިގަނޑު 10 ކަމެއް ފާހަގަކޮށް އިއްވި މިޙުކުމްގައި އެމެރިކާ ފަދަ މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ޢަމަލުކުރާ އުސޫލުތަކުގެ ވާހަކަ ފާހަގަކުރައްވާފައިވީ ނަމަވެސް ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވާ ފަރާތްތަކަށް ވާދަނުކުރެވުމަކީ ރާއްޖޭގެ ޤާނޫނުތަކާއި ކަނަޑައެޅިގެން ޚިލާފުކަމެއްކަން އެކަށީގެންވާގޮތެއްގައި ދަޢުލަތަށް ސާބިތުކޮށްދެވިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެމެރިކާއަކީ ބޮޑު ދެ ސިޔާސީ ޕާޓީއެއްގެ ފިކުރާ އެއްގޮތަށް އިންތިޚާބުތަކަށް ކެނޑިޑޭޓުން ނެރޭ ޤައުމަކަށްވާއިރު، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ކޮންމެ ދިވެއްސަކަށްވެސް އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލީހަށް އިޞްލާހެއް ހުށަހަޅާ ފާސްކުރީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްފަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

އެގޮތުން ޤާނޫނަށް ގެނައި ބަދަލުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް، ޕްރައިމަރީއެއްގައި ވާދަކޮށްފައިވާ މެންބަރަކު، އެއިންތިޚާބުގައި އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ހުށަހަޅައިފިނަމަ، އިލެކްޝަންސް ކޮމިޝަނުން އެ ކެނޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލް ކުރަންވާނެ ކަމަށެވެ.