ސިޔާސީ

އޮފިޝަލުން ހޯދުމަށް ދަތިވެ، ދެވަނަ ފަހަރަށް އޮފިޝަލުން ހޯދަން އީސީން އިޢުލާންކޮށްފި


މަޖިލިސް އިންތިޚާބުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބެއް ނުލިބުމުން، އަނެއްކާވެސް އޮފިޝަލުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

އިލެކްޝަނުން އިއްޔެ ގެޒެޓުގައި ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު އެ ކޮމިޝަނުން އޮފިޝަލުން ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އޮފިޝަލުންގެ އެޕްލިކޭޝަން ފޯމު ލިބިފައިނުވާތީ، އިތުރު އޮފިޝަލުން ހޯދުމަށް އިޢުލާން ކަމަށެވެ. ނަމަވެސް ކުރިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާން ބޭނުންވެ އެ ކޮމިޝަނަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް ބަލައިގަނެފައިވާ ކަމަށްވެސް އީސީގެ އިޢުލާނުގައި ވަނީ ބުނެފައވެެ.

މަޖިލިސް އިންތިހާބުގެ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާނުކުރާ ފަރާތަކަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ވެގެންނުވާނެއެވެ.

އީސީގެ އިޢުލާނުގައި ބުނެފައިވަނީ އެމީހަކީ މަޖިލިސް އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށްވެސް ވެގެން ނުވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ އެމީހެއްގެ ގައިގައި ހުންނަން ޖެހޭނެ ކަމަށް އޮފިޝަލުން ހޯދުމަށް ކޮށްފައިވާ އިޢުލާނުގައި ބުނެފައިވާއިރު އެފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ޤާބިލް އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ވެގެންނުވާނެ ކަމަށެވެ.

އީސީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް އަދި އަތޮޅުތެރޭގައި ނަމަ ރަށު ކައުންސިލަށް ނުވަތަ އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އިންތިޚާބުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އީސީން ދެވަނަ ފަހަރަށް އިޢުލާންކޮށްފައިވާއިރު އޮފިޝަލުން ހޯދުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އީސީން ވަނީ މީގެކުރިންވެސް ބުނެފައެވެ. އީސީގެ ރައީސް އަޙްމަދު ޝަރީފު ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން އަދިވެސް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް ފަސް ނުޖެހުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަށް މެންބަރުން އިންތިޚާބުކުރާއިރު، 395 މީހަކު ވަނީ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައެވެ. މަޖިލިސް އިންތިޚާބުގައި 507 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، 39 ރިސޯޓާއި، ބޭރުގެ 7 ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ.