ވިޔަފާރި

ބިޒްނަސް ކޮންވެންޝަނުގައި ބައިވެރިވުމަށް 150 ފަރާތަކުން ވަނީ ނަންނޯޓު ކޮށްފައި


މާދަމާ ފެށުމަށް ހަމަޖެހިފައިވާ ބިޒްނަސް ކޮންވެންޝަނުގައި ބައިވެރިވުމަށް 150 ފަރާތަކުން ނަންނޯޓު ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ދަތިތައް ދެނެގަނެ ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯދައިދިނުމަށްޓަކައި މުޅި ރާއްޖެ ޝާމިލްވާ ގޮތައް ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްނަސް ކޮންވެންޝަނަކީ، އިކޮނޮމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން މިމަހުގެ 26ހުން 27ވީހަށް ބާއްވާ ކޮންވެންޝަނެކެވެ.

ބިޒްނަސް ކޮންވެޝަނާއި ގުޅޭގޮތުުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ އައިޑީޕީގެ ޕްރޮޖެކްޓް މެނޭޖަރ ލަމްޔާ އިބްރާހީމް ވިދާޅުވީ، ކޮންވެންޝަނުގައި ބައިވެރިވުމަށް ނަންނޯޓުކޮށްގެން ރަޖިސްޓްރީވުމުގެ އިތުރަށް ކޮންވެޝަންގައި ވަރޗުއަލްކޮށްވެސް ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން މަންދު ކޮލެޖްގެ އެހީގައި އެކަމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށާއި، އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ރަށުގައި ތިބެގެން ވަރޗުއަލްކޮށް މި ކޮންވެންޝަންގައި ބައިވެރިވެވޭނެ ކަމަށް ލަމްޔާ ވިދާޅުވިއެވެ.

"ޖާގައިގެ ދަތިކަން ދަރުބާރުގޭގައި އެބަހުރި، އެހެންކަމުން މަންދު ކޮލެޖުގެ އެހީގައި ވަރޗުއަލްކޮށް މި ކޮންވެންޝަންގައި ބައިވެރިވެވޭނެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރ ގުޅިގެން ކޮންވެންޝަން ކުރިއަށްދާއިރު ވަރޗުއަލްކޮށް ބައިވެރިވުމުގެ ފުރުސަތު އެބައޮތް، ކައުންސިލްގައި ނަންނޯޓުކޮށްގެން،" ލަމްޔާ ވިދާޅުވިއެވެ.

ވަކި ވަކި މައުލޫތަކަށް ކަރުދާސް ހުށަހެޅުމަށްވެސް އިކޮނޮމިކް މިނިސްޓްރީން އާއްމުންނަށް ހުޅުވާލިއެވެ. އެގޮތަށް ހުޅުވާލުމުންވެސް ބޮޑު ތަރުޙީބެއް ލިބިގެންދިޔަކަމަށް ލަމްޔާ ހާމަކުރިއެވެ.

ކޮންވެންޝަންގައި އާއްމުންނަށް ހުޅުވާލައިގެން މައުލޫމާތުދިނުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމަށާއި ދަރުބާރުގެއަށް ވީހާވެސް ގިނަ އަދަދެއްގެ ބައެއް ޒިޔާރަތްކޮށް ވިޔަފާރިއާ ގުޅޭ މައުލޫމާތުތައް އޮޅުން ފިލުވުމަށް އިކޮނޮމިކް މިނިސްޓްރީން އެދެއެވެ.