ޚަބަރު

އައިލްސް އިން ފުލުހުންނަށް ޑިޕްލޮމާ ފެންވަރުގެ އާ 2 ކޯހެއް ފަށަނީ


ކޮންމެ ފުލުހަކީ، ޑިޕްލޮމާ ފެންވަރުގެ ފުލުހަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.ކޮމިޝަނަރ މިހެން ވިދާޅުވީ، ފުލުހުންގެ ލޯ އެންފޯސްމެންޓް އިންސްޓިޓިއުޓުން އަލަށް ތައާރަފްކުރި،  ދެ ޑިޕްލޮމާ ކޯސް ތައާރަފް ކޮށްދެއްވުމަށް، އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.ޑިޕްލޮމާއިން ޕޮލިސިންގ އަދި ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން ކޯސް ތައާރަފް ކޮށްދެއްވުމަށް ފަހު ކޮމިޝަނަރ ހުސެއިން ވަހީދު ވިދާޅުވީ، ކޮންމެ ފުލުހަކީ ޑިޕްލޮމާ ފެންވަރުގެ ފުލުހަކަށް ހެދުމަށް، ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ، ޑިޕްލޮމަ ފެންވަރުގެ ކޯހަކަށް ހެދިއްޖެނަމަ އެ ލަނޑުދަނޑި ހާސިލް ކުރުމަކީ ދަތި ކަމަކަށް ވެގެން ނުދާނެ ކަމަށެވެ. އަދި މިހާރު މަސައްކަތްކުރާ ފުލުހުންނަށް މިއަދު ހުޅުވިގެންދާ ފުރުސަތަކީ އެ ފުލުހުންގެ އިލްމީ ގާބިލްކަން ފުޅާ ކުރުމަށް ހުޅުވިގެންދާ ފުރުސަތެއް. ކޮމިޝަނަރ ވިދާޅުވިއެވެ.ފުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީން ދިނުމަކީ، ލީޑަރޝިޕުން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، ފުލުހުންނަށް ބޭނުންވާ އެކަށޭން ތަމްރީން ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދައިދިނުމަށް މަސްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ އިތުރުން ގާނޫނުތައް ތަންފީޒުކުރާ މުއައްސަސާތަކާއި، ސަލާމަތީ ޚިދުމަތްދޭ ކުންފުނި ތަކާއި، އެފަދަ މީހުންނަށް ބޭނުންވާ  ތަމްރީން ދިނުމަކީވެސް ފުލުހުންގެ މަސައްކަތެއް ކަމުގައި ދެކޭ ކަމަށެވެ.ލޯ އެންފޯސްމެންޓް އިންސްޓިޓިއުޓްއިން، ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތުވެސް ފަހިވެގެން ގޮސްފައިވާކަން ފާހަގަ ކުރައްވާ ކޮމިޝަނަރ ވިދާޅުވީ،  އެކެޑަމިކް ޕްރޮގްރާމްތަކުގެ އިތުރުން ފަންނީ ކޯސްތައްވެސް ފަށަން ރާވައިފާކަމަށެވެ.ފުލުހުންގެ މުއައްސަސާއިން އަމާޒް ހިފަފައިވަނީ މުޅި ރާއްޖޭގެ ވެށި އަމާންކޮށް ރައްޔިތުންނަށް ރައްކާތެރި ކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ފުޅާ ކުރުމަށާއި، އެ އަމާޒަށް ވާސިލް ވެވޭނީ އެކަށީގެންވާ ތައުލީމާއި ތަމްރީން ފުލުހުންނަށް ދެވިގެން ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މިއަދު ތައާރަފް ކުރި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ މައި މަހުގެ ފަހުކޮޅުގައެވެ.