ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް މާއްދާ އުވާލުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން މާދަމާއަށް ތަޢާވަލުކޮށްފިއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނައި އިޞްލާޙު އުވާލުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އަބްދުﷲ ޖާބިރާއި، ޢަބްދުލް މާނިޢު ހުޞައިނެވެ. މި ދެބޭފުޅުންގެ ތެރެއިން ޖާބިރަކީ އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެ ވަޑައިގެން ބޭފުޅެކެވެ.
ސުޕްރީމްކޯޓްގެ ފުލް ބެންޗުން ބައްލަވާ މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވަނީ އިތުރުކަމެއް ސާފުކުރުމަށް ނެތްނަމަ ދެން އޮންނަ އަޑުއެހުމުގައު ޙުކުމް އިއްވުން އޮންނާނެކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގެ އެންމެ ފަހު އަޑުއެހުން ތަޢާވަލުކޮށްފައިވަނީ މާދަމާ ހެނދުނު ނުވަގަޑި ސާޅީސް ފަހަކަށެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހެޅި ފަރާތުން ވަނީ ޕްރައިމެރީގައި ވާދަކޮށް ބަލިވާ ފަރާތްތަކަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް ބުނާ މާއްދާ އުވާލުމަށް އެދިފައެވެ. އަދި އެމައްދާއަށް އަމަލުކުރުން މަޑު ޖައްސާލުމުގެ ވަގުތީ އަމުރަކަށްވެސް ވަކިވަކިން ހުށައަޅަފައިވާ މައްސަލާގައި ބުނެފައިވެއެވެ. މީގެއިތުރުން މަޖިލިސް އިންތިޚާބުގެ ކުރިން މި މައްސަލާގައި ގޮތެއް ނިންމާދިނުމަށްވެސް ދައުވާކުރި ފަރާތްތަކުން ވަނީ އެދިފައެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލީހަށް އިޞްލާހެއް ހުށަހަޅާ ފާސްކުރީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްފަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.
އެގޮތުން ޤާނޫނަށް ގެނައި ބަދަލުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް، ޕްރައިމަރީއެއްގައި ވާދަކޮށްފައިވާ މެންބަރަކު، އެއިންތިޚާބުގައި އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ހުށަހަޅައިފިނަމަ، އިލެކްޝަންސް ކޮމިޝަނުން އެ ކެނޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލް ކުރަންވާނެ ކަމަށެވެ.