ފާދިއްޕޮޅު ހިންނަވަރު ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް  އަވަސްކޮށްދެއްވުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފިއެވެ. 
 
އެރަށު ކައުންސިލުން މިގޮތަށް އެދިވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހިންނަވަރު ކައުންސިލް މެންބަރުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހިންނަވަރު ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ކައުންސިލް މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ރަށުގައި ގޯތިގެދޮރުގެ ދަތިކަމާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ޙައްލުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަމުގައި ކައުންސިލް މެންބަރުން ވިދާޅުވިއެވެ. 
މީގެއިތުރުން ފުޓުބޯޅަދަނޑާއި ޒުވާނުންގެ މަރުކަޒު އިތުރަށް ތަރައްޤީކުރަން ރަށުގެ ޒުވާނުން ބޭނުންވެފައިވާކަންވެސް ކައުންސިލް މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ފެރީގެ ނިޒާމު ހަރުދަނާކުރެވޭނެމަގެއް ފަހިކޮށްދެއްވުމަށާއި ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށްވެސް އެމެމްބަރުން އެދިވަޑައިގަތެވެ. 
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުގެ ތެރެއިން އެއްބާރުލެއްވުން ދެއްވައި، ރައްޔިތުން ބޭނުންވާ ކަންކަމުގެތެރެއިން ކޮށްދެއްވެންއޮތް ކޮންމެކަމެއް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.