ޚަބަރު

ޖަމްޢިއްޔާތަކުގެ އިދާރީ ހުރިހާ މަސައްކަތެއް މިހާރު އޮންލައިންކޮށް ކުރެވޭނެ


ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ޖަމްޢިއްޔާތަކުގެ މަސައްކަތް އެއް ވިއުގައަކުން ކުރިއަށްގެންދިއުމަށް ޚާއްސަ ޕޯޓަލެއް ތައާރަފްކޮށްފިއެވެ. މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އެވެ.

މި ޕޯޓަލް އިފްތިތާހްކޮށްދެއްވައި ވާހަކަދައްވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ހުރިހާ ރަށްތަކެއް ހިމެނޭނެހެން، ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ޖަމްޢިއްޔާތަކުގެ މަސައްކަތް ކުރިއަށްގެންދިއުމެވެ. މި ޕޯޓަލްގެ ސަބަބުން ޖަމްޢިއްޔާތަކުގެ މަސައްކަތް ފަސޭހަވެ، ޖަމްޢިއްޔާތަކުގެ މަސައްކަތް ފުޅާކޮށް ހަރުދަނާކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޕޯޓަލާއިއެކު އެއް ޖަމްޢިއްޔާ އަނެއް ޖަމްޢިއްޔާއާއި ގުޅުން ބަދަހިވެގެންދާނެ. މިކަމުގެ ސަބަބުން ޖަމްޢިއްޔާތަކަށް އެއްކޮށް މަސައްކަތް ކުރުމުގެ މަގު ތަނަވަސްވެ، ބާރުވެރިވެގެންދާނެ،'' އިމާރާން އަބްދުﷲ ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން ބުނާ ގޮތުގައި މިފަދަ ޕޯޓަލެއްގެ އެންމެ ބޮޑު ބޭނުމަކީ ހުރިހާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް އެއްތަނަކުން، ފަސޭހަކަމާއިއެކު ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. މި ޕޯޓަލް މެދުވެރިކޮށް، ޖަމްޢިއްޔާ ރަޖިސްޓްރީ ކުރުމާއި އިދާރީ މަސައްކަތްތަކާއި އަދި ހުށަހަޅަންޖެހޭ ރިޕޯޓްތައް ހުށަހެޅުމުގެ މަސައްކަތް އޮންލައިންކޮށް ކުރެވޭނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން، ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ޖަމްޢިއްޔާތަކުގެ ފުރިިހަމަ މަޢުލޫމާތުތައް ބަލާލެވޭނެއެވެ. އަދި ޖަމްޢިއްޔާތަކުން ހިންގާ ޙަރަކާތްތަކާއި ކުރިއަށް ރާވާފައި ހުރި ކަންކަންމުގެ މަޢުލޫމާތުވެސް ލިބޭނެއެވެ.

މީގެ އިތުރުން، މި ޕޯޓަލް މެދުވެރިކޮށް، މާލީ އެހީތެރިކަންދޭ ފަރާތްތަކާއި ބައްދަލުވުމުގެ ފުރުޞަތުވެސް ޖަމްޢިއްޔާތަކަށް ލިބޭނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. ޖަމްޢިއްޔާތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ދަރުމައަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް މި ޕޯޓަލް މެދިވެރިކޮށް ލިބޭނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި ޖަމްޢިއްޔާތަކުގެ މަސައްކަތް ރަނގަޅުކޮށް، ހިންގުން ހަރުދަނާ ކުރުމަށް ޖަމްޢިއްޔާތަކަށް ހުރި ފުރުޞަތުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.

ހޯމް މިނިސްޓްރީން މިހާރުވަނީ ޖަމްޢިއްޔާތަކަށް ޕޯޓަލްގައި ރެޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައެެވެ.

ޖަމްޢިއްޔާތަކުގެ މަސައްކަތްތައް އިންޓަނެޓްގެ ޒަރިއްޔާއިން ގުޅުވައިދޭ ވިއުގައެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގާއި ހިމައިނާފައިވާ ކަމެކެވެ.