ދިވެހި ފުލުހުންގެ މުއައްސަސާ އިސްލާޙުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ޖިނާއީ ޢަދުލުގެ ނިޒާމުގެ ދާއިރާގައި ހިމެނޭ މުއައްސަސާތަކުގެ ޚިޔާލުހޯދުމަށް ޚާއްސަ މަހާސިންތާއެއް ފަށައިފިއެވެ. 
 
"ސްޓްރެޓީޖިކް ޕްލޭން ޑިވޮލޮޕްމަންޓް ސިމްޕޯޒިއަމް - ކްރިމިނަލް ޖަސްޓިސް ސެކްޓަރ" މިމަނަމުގައި އިސްކަންދަރުކޮށީގައި ކުރިއަށްދާ  މިމަހާސިންތާ ފަށްޓަވައިދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މިމަހާސިންތާގައި  ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހާއި އެޓާނީ ޖެނަރަލްގެ އޮފީހާއި ކްރިމިނަލް ކޯޓާއި، ޖުވެނައިލް ކޯޓާއި، ޑްރަގް ކޯޓު ހިމެނޭހެން ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭފުޅުން ބައިވެރިވެވަޑަގެން ޚިޔާލު ހުށައަޅަމުންދާކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ. 
 
ފުލުހުންގެ މުއައްސަސާ އިޞްލަޙު ކުރުމުގެ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް އިސްރަށްވެހިންނަށް ޚާއްސަކޮށްގެންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޚައްސަކޮށްގެން  މާލެ ސަހައްދުގައިވަނީ ބާއްވާފައެވެ. 
މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސަރުކާރުގެ މުއައްސަސާތަކަށް ޚައްސަކޮށްގެން ފުލުހުންގެ ހަތް ޑިވިޝަނެއްގައި މަހާސިންތާތައް ބާއްވާފައެވެ. މީގެއިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް އަމާޒުކޮށްގެންވެސް ވަނީ މަހާސިންތާތަކެއް ބާއްވާފައިކަމަށް ފުލުހުން މަޢުލޫމާތުދެއްވިއެވެ. 
ފުލުހުންގެ އިދާރާއަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރުލިބިފައިވާ މުއައްސަސާއަކަށް ހައްދަވާނެކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ވިދާޅުވެފައެވެ.