ސިޔާސީ

ފަނޑިޔާރުންގެ މަހާސިންތާ ކާމިޔާބު، އެދެވޭ ކުރިއެރުންތައް އަންނާނެ - ޑީޖޭއޭ


މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާއަކީ ކޯޓުތަކުގައި ދިމާވާ އިދާރީ ކަންތައްތަކާއި ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ބޭއްވިގެންދިޔަ މުހިއްމު އަދި އެދެވޭ ކުރިއެރުންތަކެއް ލިބިގެންދިޔަ މަހާސިންތާއެއްކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެޖެއެވެ.

ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތާއި ގުޅުވައިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ފަނޑިޔާރުންގެ މަހާސިންތާގައި މިފަހަރުވެސް ރާއްޖޭގެ 20 އަތޮޅު ތަމްސީލުކުރާ މެޖިސްޓްރޭޓުން ވަނީ ބައިވެރިވެފައެވެ. ޖިނާޢީ އިޖުރާތުގެ ޤާނޫނާއި، ޖިނާޢީ އިޖުރާއަތުގެ ޤަވާއިދުގެ އިތުރުން ކުޑަކުދިންގެ ޢަދުލުގެ ޤަވާއިތައް ކޯޓުތަކުގައި ތަންފީޒުކުރާއިރު، ޤާނޫނުގައި ބަޔާކޮށްފައިވާ މުއްދަތުގެ ތެރޭގައި މައްސަލަތައް ހުށަހެޅުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެކަމަށް އެދެވޭ ޙައްލުތަކެއް ހޯދުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ މިމަހާސިންތާގައި ޕީޖީ އޮފީހާއި ފުލުހުންގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ.

"ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި މީހުން ހާޒިރުކުރުމާއި، ދައުވާ އުފުލުމާއި ކޯޓަށް ފައިލްތައް ފޮނުވުމާއި މިހުރިހާކަމެއް ކުރުމުގައި ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިލާން އެބަޖެހޭ. މިސާލަކަށް ޕީޖީގެ ފަރާތުން އައްޑުއަތޮޅަށް ފޮނުވަންޖެހޭ މައްސަލައެއް މުއްދަތުގެ ތެރޭގައި ފޮނުވުމައްޓަކައި ޓްރާންސްޕޯޓުގެ ޒަރީއްޔާއިން ނުވަތަ ޕޯސްޓްގެ ޒަރީއްޔާއިން މި ފޮނުވަންޖެހެނީ. އެހެންވީމަ އެއްކަލަ މުއްދަތުގައި ކޯޓަށް ފައިލް ނުލިބިއްޖެނަމަ ޤާނޫނުގައި މިބުނާ މުއްދަތުގައި ފައިލްނުވިކަމަށް ބެލުމުގެ ފުރުސަތުވެސް އެބައޮވޭ. އެކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަމަށް ހައްލެއް ހޯދުމަށް މިމަހާސިންތާ މިބޭއްވުނީ" ފައިސަލް ވިދާޅުވިއެވެ.

މިމަހާސިންތާއާއި ގުޅޭގޮތުން ޕީ،އެސް،އެން ނިއުސްއަށް މައުލޫމާތުދެއްވަމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރ ފައިސަލް އާދަމް ވިދާޅުވީ މިއަހަރުގެ މަހާސިންތާގައިވެސް މުހިއްމު މަޝްވަރާތަކެއް ކުރެވުނުކަމަށާއި، ޤާނޫނީ ނިޒާމުގެ ތެރެއިން މައްސަލަތައް ހުށައެޅުމަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މުހިއްމު އަދި އެދެވޭ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަމާއި، އެހެނިހެން ގޮންޖެހުންތަކުގެ ސަބަބުން އެންމެ އެދެވޭ އަވަސްމިނުގައި އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތުތަކެއް ހޭދަވާކަމަށާއި، ނަމަވެސް މަސައްކަތްކުރަމުން އަންނަނީ ވީހާވެސް ރަނގަޅަށް ޝަރުޢީ ދާއިރާގެ އިންތިޒާމުތައް ހަމަޖެއްސުމަށްކަމަށް ފައިސަލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"ކޮންމެކަމެއްވެސް ހައްލު ގުޅިފައި މިއޮންނަނީ ގިނަ ފަހަރަށް ޤާނޫނީ ގޮތުން ގެންނަނަންޖެގޭ ބަދަލުތައް ނުވަތަ އުމްރާނީ އަދި ވަޒީލަތްތައް ގާއިމްކުރުމާއި ގުޅުންހުރި ކަމެއްގެގޮތުގައި. އެހެންނަމަވެސް ޝަރުޢީ ދާއިރާއަކީ އަދިވެސް ހަމަ އެހެން އިދާރާތަކޭ އެއްފަދައިން ވަރަށް ބޮޑަށް ބަޖެޓުގެ ދަތިކަން އޮންނަ ދާއިރާއަކަށްވާތީވެ، އަޅުގަނޑުމެންނަށްވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ބަދަލުތައް ގެންނަން އެބަވަގުތުނަގާ. ނަމަވެސް އަޅުގަނޑުމެން އަމާޒްހިފާފައި މިތިބީ ކުރިއަށްއޮތްތަނުގައި ވީހާވެސް ރަނގަޅަށް އަޅުގަޑުމެންގެ އިދާރީ އިންތިޒާމްތައް ހަމަޖައްސައި އަދި އިލެކްޓްރީނިކް ވަސީލަތްތައް ބޭނުންކޮށްގެން ދާއިރާ ކުރިއެރުވުން،" ފައިޞަލް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަހާސިންތާގެ އިތުރުން ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި، އެދާއިރާ އިސްލާޙްކުރުމަށް ކޯޓުތަކާއި ކަމާގުޅުންހުރި ފަރާތްތަކާއެކު 2 ދުވަހުގެ މަހާސިންތާއެއް ޝަރުޢީ ދާއިރާއިން މިދިޔަ ހަފްތާގައިވަނީ ބާއްވާފައެވެ.