ސިޔާސީ

ނަޝީދު ޖަލުގައި ހުންނަވާނީ އޭސީކޮށްފައި ހުންނަ އެޕާޓްމެންޓެއްގައި


ދައުލަތުން ޓެރަރިޒަމްގެ ދައުވާކޮށް ތޭރަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފުށީ ޖަލުގައި ހުންނަވާނީ އޭސީކޮށްފައި ހުރި ޖަލު އެޕާޓްމަންޓެއްގައި، ރައްޓެހި ގައިދީންނާއި އެކުގައިކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.މިނިސްޓަރ އުމަރު ނަސީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ނަޝީދު ޖަލުގައި ހުންނަވާނީ، ދުއިސައްތަ ފަސްދޮޅަސް ހަތަރު އަކަފޫޓު ބޮޑު، އެއް ކޮޓަރީގެ އޭސީކޮށްފައި ހުންނަ އެޕާޓްމެންޓެއްގައިކަމަށެވެ.ވަކި ސިޓިން ރޫމަކާ އެކު ހަދާ އެ ތަނުގައި، ހުރިހާ ފަރުނީޗަރެއް ހަމަވާނެ ކަމަށާއި ޓީވީ އާއި "ވީސީޑީ ޕްލެޔަރެއް"ގެ އިތުރުން، އެއްހާސް އަށްޑިހަ ހަތް  އަކަފޫޓުގެ ބަގީޗާއެއް ވެސް އޮންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑީނޭޓަރ ތަޒްމީލް އަބްދުއް ސަމަދު ވިދާޅުވީ ރައީސް ނަޝީދު ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށާއި، ޖަލުގެ އިންތިޒާމްތައް ޖަލުގައި ތިބޭ އެހެން ގައިދީންނާއި ހުރިހާ ގޮތަކުންވެސް ތަފާތުވާނެ ކަމަށެވެ.ރައީސް ނަޝީދު  ޖަލުގައި ހުންނަވާއިރު، އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ވިދާޅުވިއެވެ.ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ދެހާސް ބާރަވަނަ އަހަރު ހައްޔަރުކުރި މައްސަލައިގައި، ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ތޭރަ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.