މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްދެއްވުމަށް ރައީސް ޞާލީޙްގެ އަރިހު ދެންނެވިނަމަވެސް ސަރުކާރުން އެކަން ކޮށްދެއްވާނެކަމުގެ އެއްވެސް އުއްމީދެއް ނެތްކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބުދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް ޔާމީން ހައްޔަރުކުރި މައްސަލައާ ގުޅިގެން އުފެދުނު ކަންބޮޑުވުންތައް ރައީސް ޞާލިޙާ ޙިއްސާ ކުރައްވާފައިވާ ކަމަށާއި އެކަން އެމަނިކުފާނު ބައްލަވާނެވާކަމަށް ވިދާޅުވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ މިމައްސަލައިގާ ރައީސް ޞާލިޙާ ބައްދަލުކުރެއްވީ ރައީސް ޔާމީން ހައްޔަރުކުރެއްވީ ޤާނޫނީ އިމުން ބޭރުން ކަމަށް ޤަބޫލުކުރައްވާތީކަމަށާއި އަދި އެކަން ކުރައްވާފައި ވަނީ ސިޔާސީ ގޮތުން ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މައްސަލައިގާ ޤާނޫނީ އިމުގެ ތެރެއިން ރައީސަށް ކޮށްދެވެން ހުރި ހުރިހާ ކަމެއްގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި ކަމަށެވެ. އެހެން ނަމަވެސް މިއަދާހަމަޔަށް އައިއިރުވެސް ރައީސް ޞާލިޙް އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާކަމަށާއި އެހެން ކަމުން ރައީސް ޔާމީންގެ ބަންދާމެދު ސަރުކާރުން ލުއިގޮތެއް ހައްދަވައި ދެއްވާނެކަމުގެ ކުޑަވެސް އުއްމީދެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަބުދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ރައީސް ޞާލިޙްގެ އިތުރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށްވެސް ހުށަހެޅުއްވިކަމަށާ އެހެންނަމަވެސް އެކޮމިޓީގެ މުޤައްރަރުކަން ކުރައްވާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ރޮޒައިނާ އާދަމް އެއީ ނުބެލޭނެ މައްސަލައެއް ކަމުގައި ވިދާޅުވެފައިވާކަމަށެވެ. އެހެން ކަމުން ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ރޮޒައިނާގެ އެ ކޮމިޓީގެ މުޤައްރިރުކަމުން ވަކިކުރުމަށް ހުށަހަޅަން ނިންމާފައިވާކަމަށެވެ.