ވިޔަފާރި

ގޯލްޑް 100 ގާލާގެ ކޯޕަރޭޓް ގަވަރނަންސް އެވޯޑު ދިރާގް އަދި އެލައިޑަށް


ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ގޯލްޑް 100 އެވޯޑްގެ ކޯޕަރޭޓް ގަވަރނަންސް އެވޯޑު، ދިރާގާއި އެލައިޑަށް ލިބިއްޖެއެވެ.
ގޯލްޑް 100 ގާލާއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށް ކޮންމެ އަހަރަކު ދެމުންދާ އެވޯޑެކެވެ.

ގޯލްޑް 100 އެވޯޑުގައި ހިމެނޭ ކޯޕަރޭޓް ގަވަރނަންސް އެވޯޑަކީ، ވިޔަފާރީގެ ހަމަތަކާއި އުސޫލްތައް ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތަށް އަމަލުކުރަމުންދާ ކުންފުނިތަކަށް ދޭ އެވޯޑެކެވެ. ކޯޕަރޭޓް ގަވަރނަންސް އެވޯޑު ކަނޑައެޅުމުގައި ބޮޑަށް ބަލަނީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑިއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށެވެ.
މިފަހަރުގެ ކޯޕަރޭޓް ގަވަރނަންސް އެވޯޑު ހޯދި ދެ ކުންފުނީގެ ތެރެއިން ދިރާގަކީ ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭން ފެށި އެންމެ ފުރަތަމަ ކުންފުންޏެވެ. ދިރާގުގެ ޚިދުމަތަށް މިއަހަރު 31 އަހަރު ފުރޭއިރު ދިރާގުން ވަނީ ރާއްޖޭގެ މުވާސަލާތީ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްފައެވެ.

ގޯލްޑް 100 އެވޯޑުގެ ކޯޕަރޭޓް ގަވަރނަންސް އެވޯޑު ހޯދި އެލައިޑަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ޚިދުމަތް ދެމުންއަންނަ ކުންފުންޏެކެވެ. އެލައިޑަކީވެސް ރާއްޖޭގައި އެންމެ ފުރަތަމަ އިންޝުއަރެންސްގެ ޚިދުމަތް ދޭންފެށި ކުންފުންޏެވެ. އެލައިޑުން ވަނީ މި ދާއިރާގައި ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ގެޓަވޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ، ގޯލްޑް 100 އެވޯޑުގެ ތެރެއިން މިފަދަ އެވޯޑެއް ދިނުމުގެ ބޭނުމަކީ، ރާއްޖޭގައި ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުންދާ ކުންފުނިތައް ފާހަގަކޮށް އެފަދަ ކުންފުނިތަކަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުންކަމަށެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސް އިން ވަނީ ވިޔަފާރީގެ ދާއިރާއަށް އިންޤިލާބީ ކުރިއެރުމެއް ގެނެސްދެއްވި ދެ ފަރާތަކަށް "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ދީފައެވެ.

މިއަހަރުގެ ގޯލްޑް 100 ގާލާގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު ދީފައިވަނީ، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، ވިލާ ގްރޫޕްގެ ޗެއަރމަން ޤާސިމް އިބްރާހިމް އަދި ތްރީއޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން އަބްދުﷲ އަލީއަށެވެ.

މި އެވޯޑުތަކުގެ އިތުރުން މި ހަފްލާގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ 100 ކުންފުންޏަކަށް އެކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތަކުގެ އަގު ވަޒަންކުރުމަށްޓަކައި އެވޯޑު ދީފައިވެއެވެ. މި 100 ކުންފުނިތަކުގެ ތެރޭގައި ބޭންކިންގގެ ދާއިރާގައި ކުރިއަރަމުން އަންނަ ކުންފުނިތަކާއި ރިސޯޓު ވިޔަފާރިއާއި އިންޝުއަރެންސްގެ ދާއިރާއާއި ބޯޓިންގގެ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ހިމެނެއެވެ. އެންމެ ފާހަގަކޮށްލެވޭ 100 ކުންފުނި ހޮވާފައިވަނީ، ރާއްޖޭގެ އިޤްތިޞާދުގައި ހަރަކާތްތެރިވަމުން އަންނަ 13،000 ކުންފުނީގެ ތެރެއިންކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.

މި ހަފްލާގައި ކޯޕަރޭޓް މޯލްޑިވްސްއިން ވަނީ އެކުންފުނީގެ މިއަހަރުގެ ގޯލްޑް 100 މެގަޒިން އިފްތިތާޙުކޮށްފައެވެ. މި ހަފްލާގައި ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވުނު ހުރިހާ ކުންފުންޏެއް މި މެގަޒިންގައި ލިސްޓުކުރާނެއެވެ. މި މެގަޒިން ރާއްޖޭގެ ހުރިހާ ވިޔަފާރި ކުންފުނިތަކަށާއި ބައިނަލްއަޤްވާމީ ވިޔަފާރިތަކަށް ލިބިގެންދާނެކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.
ކުންފުނިތަކުގެ މަސައްކަތްތައް ފާހަގަކޮށް ކުންފުނިތައް ކުރިއެރުވުމަށްޓަކައި ގޯލްޑް 100 ގާލާ ގެ ނަމުގައި މި އެވޯޑު ދޭން ފެށީ 2017 ވަނަ އަހަރުއެވެ.