ސިޔާސީ

ކޮންމެ ޒުވާނަކަށްވެސް ދިރިއުޅެވޭނޭ ފްލެޓެއް ލިބޭނޭގޮތް ހަމަޖެހޭނެ


ކޮންމެ ޒުވާނަކަށްވެސް ދިރިއުޅެވޭނޭ ފްލެޓެއް ލިބޭނޭގޮތް މި ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޒުވާން މަސްވެރިންނާ އޮޑިވެރިން އިތުރު ކުރުމުގެ ގޮތުން ސަރުކާރުން ދޫކުރާ ލޯނު 14 ފަރާތަކާއި ހަވާލު ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވީ އާއިލާގެ ތެރެއިން ގެ ބަހައިގެން ލިބޭ ކުޑަކުޑަތަންކޮޅެއްގައި ދިރިއުޅުން އާބާދުކުރުމަކީ ހައްލެއްނޫންކަމަށާއި އެފަދަ ކުޑަ ބިންކޮޅެއްގައި ދިރިއުޅުމަކީ އުދަގޫކަމަކަށްވެފައިވާކަމުގައެވެ.ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ފްލެޓުތައް މުއްސަނދިންނަށް ދޫކޮށްލުމަށް ބޭނުންނުވާކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ މި ފްލެޓްތައް ހާއްސަކުރަން ބޭނުންވަނީ ޒުވާނުންނަށްކަމުގައެވެ. އެގޮތުން މިހާރު ހުޅުމާލެ އެއްކޮށް ހިއްކާނިމިފައިވާއިރު ހިއްކި ސަރަހައްދުގައި އަޅާ ފްލެޓްތަކުން ޒުވާނުންނަށް ޖާގަދީ ލޯކަލް ހައުސިންގ ތައާރަފްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.ރައީސް ޔާމީން ވިދާޅުވީ މާލެ އާއި މާލެ ކައިރި ސަރަހައްދަކީ މުޅި ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ތަނަކަށްވެފައިވާއިރު ޒުވާނުންނަށް އިތުރު ބާރު ހޯދައިދެވޭނީ މިފަދަ ތަންތަން އުފައްދައިގެން ކަމަށްވާއިރު ހުޅުމާލެ ހިއްކައިގެން އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް މި ޖާގަ ހޯދައިދީ އެންމެ އަގުހެޔޮ ނިޒާމަކުން މިކަން ކުރެވޭ ގޮތް ހަމަޖެހިގެން ދިޔަ ނަމަވެސް، ފްލެޓުތަކުގެ ކުލި ދެއްކޭ ވަރަށް ޒުވާނުންނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް އޮންނަން ވާނެ ކަމަށާއި ތަނަވަސް މީހުންނަށް މި ފްލެޓުތައް ދޭން ބޭނުންފުޅު ނުވާ ކަމުގައެވެ. އަދި ޒުވާނުންނަށް ފައިސާ ހޯދައިދިނުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެގޮތުން ސަރުކާރުން ކުރިއަށް ގެންދާ ގެޓްސެޓް ޕްރޮގްރާމާއި ހޮޓާތަކާއި ރެސްޓޯރަންޓުތަކުގައި ކައުންޓަރުތަކުގައި ދިވެހިން ތިބޭ ގޮތަށް ހަމަޖެއްސުމަކީ މިކަން ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ވިދާޅުވިއެވެ.ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޒުވާނުން ގެދޮރުވެރިކުރުވުމާއިއެކު ޒުވާނުންނަށް ފައިސާ ހޯދޭނެ މަގުތައް ފަހިކޮށްދެމުން ގެންދާކަންކަމަށެވެ.