އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ފަސް ކޮށްދިނުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެދިއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕީއެންސީގެ ވަގުތީ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ މާޙައުލެއް ރާއްޖޭގައި މިވަގުތު ނެތްކަމަށެވެ. އެހެންކަމުން އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުންދާ އިންތިޚާބު ފަސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާނޭކަމަށެވެ. އަދި އިންތިޚާބު ފަސްކޮށްދިނުމަށް މަޖިލިސްގައި އެދިފައިވާނޭކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެކަން ޤަބޫލުނުކުރެވުނު ސަބަބަކީ އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ކޯލިޝަނުން ވަރަށް ބޮޑަށް މި އިންތިޚާބަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައި އަޅުގަނޑުމެން ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިވަނީ އަޅުގަނޑުމެން ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތަކުގެ ބޭރުން ހައްޔަރުކޮށްފައި. ދެން އެކި ސިފަސިފައިގައި އަޅުގަނޑުމެން މި ދެޕާޓީގެ އިސްވެރިންނަށް މިދަނީ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އަދި އެނޫން ފަރާތްތަކުން ބިރު ދެއްކުމުގެ ޙަރަކާތްތަކެއް ހިންގަމުން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީޕީއެމްއާ ޕީއެންސީގެ ލީޑަރޝިޕުގައި ހިމެނޭ ބޭފުޅުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފައިވާކަމުގެ އަޑުތަކެއް ފެތުރެމުންދާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްދިނުމަށްވެސް ޕީޕީއެމުން އެދިފައިވެއެވެ. އަދި އެ ފަހަރު ސިވިލްކޯޓުން ވަނީ އިންތިޚާބު ފަސްކުރުމަށް އަމުރެއް ނެރެފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ފަސްކުރަންޖެހޭ ފަދަ އެއްވެސް ޙާލަތެއް ނެތް ކަމަށެވެ. އަދި މިހާރު ކަނޑައެޅިފައިވާ ޝެޑިއުލްއާއި އެއްގޮތަށް އިންތިޙާބު ކުރިޔަށް ގެންދާނެކަމަށްވެސް އީސީން ބުނެއެވެ.