ޚަބަރު

ހައިވޭގައި ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރުން އަމިއްލަ ފަރާތްތަކަށް


ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ޤާއިމުކުރާ 5 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއަކީ އަމިއްލަ ފަރާތްތަކަށް އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި އިންވެސްޓްކުރުމަށް ފަހިކޮށްދޭ ފުރުޞަތެއްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން ބުނެފިއެވެ. އެންވާރަމެންޓް މިނިސްޓްރީން ބުނެފައިވަނީ މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ އަމިއްލަ ފަރާތްތަކުން އުފައްދާ ކަރަންޓު، ސަރުކާރުން ގަންނަ ގޮތަށްކަމަށެވެ.

އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން، އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުއަކީ 5 މެގަވޮޓްގެ ހަކަތަ އުފެއްދުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައިކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. އަވިން ހަކަތަ އުފައްދާ މި ނިޒާމަކީ ކަރަންޓު އުފެއްދުމަށް ޑީސަލަށްކުރާ ހޭދަ ކުޑަކޮށް، ތިމާވެއްޓާއި ރަށްޓެހިގޮތެއްގައި ހަކަތަ އުފެއްދުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މިނިސްޓްރީން ބުނެފައިވަނީ މި ޕްރޮޖެކްޓަކީ އެކަށީގެންވާ ގޮތެއްގައި ހިންގިދާނެ ޕްރޮޖެކްޓެއްތޯ ބެލުމަށް، ސަރވޭ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާރުވަނީ ޕްރޮޖެކްޓް ހިންގަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެ ފުރުޞަތު ހުލުވާލާފަައިވާކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޕީއެސްއެމް ނިވްސްއާއި ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ހައިވޭގެ އިތުރުން، ސަރުކާރުގެ ބައެއް އޮފީސްތަކުގައިވެސް އަވިން ހަކަތަ އުފައްދާ ސޯލާ ޕެނަލް ހަރުކުރާނެކަމަށެވެ. މީގެ އިތުރުން، އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެން ހަރުކުރާ ސޯލާ ޕެނަލްތަކުން އުފައްދާ ހަކަތަ ބޭނުންކުރާނީ، ސްޓެލްކޯއިން ގަންނަގޮތަށް، ސްޓެލްކޯގެ ކަރަންޓް ވިއުގައާއި ގުޅާލައިގެންނެވެ.

''ޕްރޮޖެކްޓް ނަގާ އަމިއްލަ ފަރާތުން އުފައްދާ ހަކަތަ ސްޓެލްކޯގެ ގްރިޑާއި ގުޅާލައިގެން ސްޓެލްކޯއަށް ވިއްކާނީ. ސަރުކާރުން އެއްވެސް ލާރިއެއް ހޭދައެއް ނުކުރާނެ. ބޭނުމަކީ ޑީސަލަށްވުރެ ކުޑަ އަގެއްގައި ތިމާވެއްޓާއި ރައްޓެހިކޮށް ކަރަންޓު އުފެއްދުން." އަޙްމަދު ޢަލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސޯލާ ޕެނަލްތައް ހަރުކުރާނީ 10 ފޫޓާއި 12 ފޫޓާއި ދެމެދުގެ އުސްމިނުގައި، އެކަމަށް ޚާއްސަ ޝެޑެއްގައެވެ. އަދި އެއީ މޫދާއި ކައިރި ސަރަަޙައްދެއް ނަމަވެސް ޕެނަލްތައް ހަރުކުރާނީ އެ އެއްޗިއްސަށް އެއްވެސް ގެއްލުމެއް ނުވާގޮތަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓަކީ ވޯލްޑްބޭންކްގެ އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން "ޕަވަރ ޕަރޗޭސް" މޮޑެލަށް ހިންގާ ޕްރޮޖެކްޓެކެވެ. އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން މީގެކުރިން ހުޅުމަލޭ ހަައުސިން ޔުނިޓްތަކުގެ މަތީގައި 1.5 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށް، އަވިން އުފައްދާ ހަކަތަވަނީ ބޭނުންކުރަން ފަށާފައެވެ.

ސަރުކާރުގެ ޢަމަޒަކީ އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން 20 މެގަވޮޓްގެ ސޯލާ ހަކަތަ އުފައްދުންކަަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެއެވެ.