ޚަބަރު

ބީއެމްއެލްއިން ތެލެސީމިއާ ސޮސައިޓީއަށް 80،000 ރުފިޔާ ހަދިޔާކޮށްފި


ބީއެމްއެލްއިން ތެލެސީމިއާ ސޮސައިޓީއަށް 80،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ތެލަސީމިއާ ސޮސައިޓީއަށް މި ފައިސާ ހަދިޔާކޮށްފައިވަނީ، އިޖްތިމާއީ ހަރާކާތްތަކަށާއި ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން މިއަދު ބޭއްވި "ސްޓާފް ޗެރިޓީ ރަން" ގެ ތެރެއިންނެވެ.

މިފައިސާގެ ރަމްޒީ ޗެކް ތެލެސީމިއާ ސޮސައިޓިއާއި ހަވާލުކޮށްދެއްވީ، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފްއެވެ. މި ފައިސާއަކީ ތެލެސީމިއާ ސޮސައިޓިގެ އެކި ހަރަކާތްތައް ރާވައި ހިންގުމަށް ބީއެމްއެލްއިން ހަދިޔާކުރި ފައިސާއެވެ.
އަހަރެންގެ ބޭންކް ހަރަކާތެއްގެ ގޮތުގައި ކުރިއަށްދިޔަ "ސްޓާފް ޗެރިޓީ ރަން" މިދުވުމުގައި ބޭންކުގެ 200 އަށް ވުރެ ގިނަ މުވައްޒަފުންނާއި، މުވައްޒަފުންގެ އާއިލާތަކުގެ ބޭފުޅުންގެ އިތުރުން ތެލެސީމިއާ ސޮސައިޓީގެ ގިނަ މެމްބަރުން ވަނީ ބައިވެރިވެފައިވެއެވެ.

"އަހަރެންގެ ބޭންކް" ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހި މުޖުތަމައާއި ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުންވަނީ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު'ގެ ނަމުގައި ފަންޑެއްވެސް ތަޢާރަފްކޮށްފައެވެ.