ޚަބަރު

ޒުވާން މަސްވެރިންނާ އޮޑިވެރިންނަށް ދޫކުރާ ލޯނު 14 ފަރާތަކަށް ދީފި


އިޤްތިސާދުގެ ރައުސްމާލުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ  މިހެން ވިދާޅުވީ ޒުވާން މަސްވެރިންނާ އޮޑިވެރިން އިތުރުކުރުމަށް ސަރުކާރުން ދޫކުރާ ލޯން ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ސަރުކާރުން ޒުވާން މަސްވެރިން އުފެއްދުމަށްޓަކައި ޒުވާނުންނަށާއި އޮޑިވެރިންނަށް ވީ ވައުދު  ފުރިހަމަވީ ދުވަސްކަމުގައެވެ. މި ވައުދަކީ ރަށްފުށުގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ މަސްވެރިކަމުގެ ސިނާއަތަށް ޒުވާން މަސްވެރިން ނެރެ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ޒުވާން މަސްވެރިންގެ ދައުރު އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދިޔަ ދުވަސްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.މިއަދު ދޫކުރެވުނު ލޯން ސްކީމަށް ޒުވާނުން ކުރިމަތިލާފައިވާ މިންވަރު މަދުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިފަދަ ލޯންތައް ތައާރަފްކުރުމުގެ އެންމެ ބޮޑުއެއް ބޭނުމަކީ ޒުވާނުންނަށް ހުރި ފުރުސަތުތައް އިތުރުކުރުންކަމުގައިވީއިރު މިފަދަ ކަންކަމުގައި ޒުވާނުން އިސްނަގާ އިގްތިސާދުގެ ތެރޭގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ރައީސް ގޮވާލެއްވިއެވެ. އަދި ޒުވާނުން މިފަދަ ލޯންތަކަށް ކުރިމަތިލާ ނިސްބަތް އިތުރުވެއްޖެނަމަ މިފަދަ ލޯންތަކުގެ އަދަދު އިތުރުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.ޒުވާން މަސްވެރިންނާ އޮޑިވެރިން އިތުރުކުރުމަށް ސަރުކާރުން ދޫކުރާ ލޯން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވީ މި ލޯން ސްކީމްގެ 60 އިންސައްތަ ހާއްސަކުރެވެނީ ޒުވާނުންނަށްކަމުގައެވެ.މި ލޯންގެ އިންޓްރެސްޓްރޭޓަކީ 6 އިންސައްތަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ލޯނަށް މިފަހަރު ކުރިމަތިލީ ހުރިހާ ޒުވާނުންނަށް މިފަހަރު ލޯން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމުގައެވެ.މިއަދު މި ލޯން ލިބުނު ފަރާތްތަކުން ބުނީ މި ލޯން ލިބިފައިވަނީ އެމީހުން މިފަދަ ލޯނަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައިކަމަށާއި މިއީ މި ސަރުކާރުން އެފަރާތްތަކަށް ވެދެއްވި ވަރަށްބޮޑު އެހީއެއްކަމުގައެވެ.ސަރުކާރުން ދޫކުރަން ފެށި މި ލޯންއަކީ ޖުމްލަ 8.6 މިލިއަން ރުފިޔާގެ ލޯނެކެވެ. މި ލޯންސްކީމްގެ ދަށުން މިއަދު ލޯން ހަވާލުކުރެވުނީ 14ފަރާތަކަށެވެ.