ޚަބަރު

"ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއަށް މުއައްޒަފުން ހޯދަން ފަށައިފި


ތައިލެންޑްގެ ސިންގހަ އެސްޓޭޓު ކުންފުނިން ކ. އެނބޫދޫފަޅުގައި ކުރިއަށް ގެންދާ "ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި މި އަހަރުގެ ދެވަނަ ކުއާޓަރގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އޯޕަން ޑޭއެއް ފަށައިފިއެވެ.

ކްރޮސްރޯޑް މޯލްޑިވްސްއިން ބުނީ މި އޯޕަންޑޭ ކުރިއަށްދާނީ މިއަދާއި މާދަމާގެ ހެނދުނު 9 އަކުން ހަވީރު 5 ޖެހުމާއި ހަމައަށްކަމަށެވެ. "ރެކްރޫޓްމަންޓް އޯޕަން ޑޭ' ނަމުގައި ބާއްވާ މި ހަރަކާތް ކުރިއަށްދަނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކްރޮސްރޯޑްގެ ވައިސް ޕްރެޒިޑެންޓް އަދި ސައި މޯލްޑިވްސް ލެގޫންގެ ޖެނެރަލް މެނޭޖަރ މާޓިން ފެންޑްރައިޑެން ވިދާޅުވީ މި އޯޕަންޑޭގެ ތެރެއިން ހޯދަނީ މަސައްކަތައް ޤާބިލް ޝައުޤުވެރިކަން ހުންނަ ކުދިންކަމަށެވެ. އަދި ފަތުރުވެރިންނާއި ގުޅުން ބަދަހިކޮށް ރާއްޖޭގެ ރީތިކަން އެމީހުންނަށް އަންގައިދޭނެ ކުދިންކަމަށެވެ.

މި އޯޕަންޑެގެ ތެރެއިން ހާރޑްރޮކް ހޮޓެލްސް މޯލްޑިވްސް އަދި ސައި މޯލްޑިވްސް ލެގޫން ހިމެނޭގޮތުން ޖުމްލަ 1000 އަށްވުރެ ގިނަ މީހުން ވަޒީފާއަށް ނެގުމަށް ވަނީ ހަމަޖެހިފައެވެ. "ކްރޮސްރޯޑްސް މޯލްޑިވްސް" އިން މައުލޫމާތުދޭ ގޮތުގައި ވަޒީފާއަށް މީހުން ނެގުމުގައި ދިވެހިންނަށް އިސްކަންދޭނެއެވެ. އޯޕަންޑޭއަށް ނާދެވޭ ފަރާތަތަކަށް އީމެއިލްގެ ޒަރިއްޔާއިންވެސް ވަޒީފާއަށް ހުށައެޅޭނެއެވެ. އޯޕަންޑޭގެ ތެރެއިން އިންޓަވިއު ކުރާ މީހުންގެ ތެރެއިން ވަޒީފާލިބޭ ފަރާތްތަކަށް 3 ހަފްތާގެ ތެރޭގައި އަންގާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

އެނބޫދޫ ލެގޫން މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްދާ ފަތުރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫޢެވެ. 9 ރަށުގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު އަކީ އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓުމަންޓެކެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަންނަ އޮގަސްޓްމަހުގެ ނިޔަލަށް ނިންމުމަށްވަނީ ކަނޑައަޅާފައެވެ.