ސިޔާސީ

ރައީސް ނަޝީދު ބަހައްޓާ ޔުނިޓް ހޯމް މިނިސްޓަރ ބައްލަވާލައްވައިފި


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒްކުރުމަށް މާފުށީ ޖަލުގައި ޤާއިމުކުރާ ތަނުގެ މަސައްކަތް ކުރިއަށްދާގޮތް ހޯމް މިނިސްޓަރ އުމަރު ނަސީރު ބައްލަވާލައްވައިފިއެވެ.ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު ހުޝާމް މާފުށީ ޖަލަށް ކުރެއްވި މި ޒިޔާރަތުގައި، ހޯމް މިނިސްޓަރ ވަނީ ރައީސް ނަޝީދު ބެހެއްޓުމަށް ޤާއިމުކުރާ ތަނުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ހޯއްދެވުމުގެ އިތުރުން، އެ ސަރަހައްދު ބައްލަވާލައްވާފައެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ހުކުމާއި އެއްގޮތަށް ނަޝީދު މާފުށީ ޖަލުގައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކަރެކްޝަނަލް ސާރވިސްއިން ފަށާފައިވާކަމަށެވެ.އެގޮތުން ނަޝީދު ބެހެއްޓުމަށް މާފުށީ ޖަލުގައި ވަކިން ޤާއިމުކުރެވޭ ތަނުން ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ލިބެންވާ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެވިގެންދާނެކަމަށާއި، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެތަން ޤާއިމްކޮށް ނިންމާލެވޭނެކަމަށެވެ. އަދި އެތަނުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ރައީސް ނަޝީދު މާފުށީ ޖަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ތަޒްމީލް ވިދާޅުވިއެވެ.ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅިގެން ހޯމް މިނިސްޓަރ ވިދާޅުވެފައިވަނީ މާފުށީ ޖަލުގައި އެމަނިކުފާނު ހައްޔަރުކޮށްފައި ބަހައްޓާނެ ޚާއްސަ ތަނެއް ހެދެންދެން ވަގުތީ ގޮތުން ދޫނިދޫގައި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ.