ވިޔަފާރި

"ނަޓެއްލާ" އުފައްދާ އެންމެ ބޮޑު ފެކްޓްރީ ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި


"ނަޓެއްލާ" އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ފެކްޓްރީ ވަގުތީ ގޮތުން ބަންދުކުރުމަށް ފެރޭރޯއިން ނިންމައިފިއެވެ

ނަޓެއްލާ އުފައްދާ ފެކްޓްރީ ބަންދުކުރަން ނިންމާފައިވަނީ ފެކްޓްރީން އުފައްދާ އުފެއްދުންތަކުގެ ކޮލިޓީ ދަށްވެފައިވާތީއެވެ. ނަޓެއްލާ އުފައްދާ ފެރާރޭ ކުންފުނިން ބުނީ ފްރާންސްގައި ހުންނަ އެކުންފުނީގެ އެންމެބޮޑު ފެކްޓްރީގައި ތައްޔާރުކުރަމުންދިޔަ ނަޓެއްލާ ފެކްޓްރީ ބަލާފާސްކުރިއިރު، ޕްރޮޑަކްޓްގެ ކޮލިޓީ ދަށްވެފައިވާކަމަށް ފާހަގަވެފައިވާކަމަށެވެ. އެހެންކަމުން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމަށްޓަކައި ފެކްޓްރީގެ މަސައްކަތްތައް މިވަގުތައް ހުއްޓާލައި، ފެކްޓްރީ ވަގުތީގޮތުން ބަންދުކުރަން ނިންމާފައިވާކަމަށް ފެރޭރޯއިން ބުނެއެވެ.

ނަޓެއްލާ އުފައްދާ ކުންފުނިން ބުނީ އެކުންފުނީގެ އެންމެ ބޮޑު ފެކްޓްރީން ކޮލިޓީ ދަށް އުފެއްދުންތައް ފެނިފައިވީނަމަވެސް ދުނިޔޭގެ ހުރިހާ ބާޒާރާކުން މިހާރުވެސް ލިބެން ހުންނާނީ އެންމެ ފެންވަރު ރަނގަޅު އުފެއްދުންކަމަށެވެ.

ނަޓެއްލާ އަކީ އާންމުންގެ މެދުގައި ވަރަށް މަޤްބޫލު ކެއުމެކެވެ. ނަޓެއްލާ އުފެދިގެންއައީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިޓަލީއަށް ކޮކޯގެ ދަތިކަން އައުމުން ޗޮކްލެޓްގެ ބަދަލުގައި ތަފާތު އައު އީޖާދެއް އުފެއްދުމުގެ ތެރެއިންނެވެ. ނަޓެއްލާ އުފެއްދީ އިޓަލީގެ ޝެފެއް ކަމަށްވާ ޕީޓްރޯ ފެރޭރޯއެވެ.

ނަޓެއްލާއަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަޤްބޫލު ކެއުމެކެވެ. ނަޓެއްލާ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ފެކްޓްރީ ބަންދުކުރިނަމަވެސް އެހެން ފެކްޓްރީތަކުގެ އެހީގައި ދުނިޔޭގެ އެކި ހިސާބުތަކަށް ނަޓެއްލާގެ އެކި އުފެއްދުންތައް ލިބިގެންދާނެކަމަށް ފެރޭރޯ ކުންފުނިން ބުނެއެވެ.