ޚަބަރު

މަގުމަތީގެ ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރިކުރުވަން ޞިއްޙީ ބޭފުޅުން މަގުމައްޗަށް


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރިކުރުވުމަށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މަގުމަތީގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މިއަދު މާލޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދިޔަ މިޙަރަކާތުގައި ޑޮކްޓަރުންނާއި ނަރުހުން، އަދި ޕެރިމެޑިކްސް ހަރަކާތްތެރިވެ މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމަށް ގިނަ ކަންކަން ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ޑެމޯ ދެއްކުމާއި ޕޯސްޓަރުތައް ހިފައިގެން ހަރަކާތްތެރިވެފައިވެއެވެ.

މިހަރަކާތުގައި އިސްކޮށް ހުންނެވި އެ ބޭފުޅެއްކަމުގައިވާ ޑރ.އަލީ ޝާހިދު މުޙަންމަދު ވިދާޅުވީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މިފަދަ ހަރަކާތެއް ހިންގަން ނިންމީ އެކްސިޑެންޓެއް މެދުވެރިވެގެން އަންނަ މީހުންގެ އިހުސާސްތައް އެންމެގާތުން ފެންނަ އެއްބަޔަކީ އެމީހުންކަމަށްވާތީކަމަށެވެ. އަދި މިހާރަކަށްއައިސް އެކްސިޑެންޓްތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި ޑރ.ޝާހިދު ވިދާޅުވީ މިއީ ކަންބޮޑުވާންޖެހޭ ވަރަށްބޮޑު މައްސަލައެއްކަމަށެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި މޯލްޑިވްސް ނާރސިން އެސޯސިއޭޝަނާއި ޕްރޮފެޝަން އެސޯސިއޭޝަން އޮފް ލެބޯރޓަރީ ސައިންސް ގުޅިގެން ކުރިއަށްގެންދިޔަ މިޙާރަކާތް މާލޭގެ ދިހަ ސަރަޙައްދެއްގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި ހުޅުމާލޭގައި ވެސް މިއަދުވަނީ މިހަރަކާތް ކުރިއަށްގެންގޮސްފައެވެ.

ޑރ.ޝާހިދު ވިދާޅުވީ މިއަދުގެ ޙަރަކާތް ޚާއްސަކޮށްފައިވާނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ކަމަށެވެ. މި ޕްރޮގްރާމްގައި ކަފިހި ހުރަސް ބޭނުން ކުރުމުގެ މުހިންމުކަމާއި ބާރު ސްޕީޑެއްގައި ދުއްވުމުގެ ނުރައްކާތެރިކަން ޢާންމުންނަށް ކިޔައިދީފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހޭލުންތެރިކުރުވުމުގެ އިތުރު ޙަރާކާތްތަކެއް ކުރިއަށް އޮތްތަނުގައިވެސް ހިންގުމަށް ހަމަޖެހިފައިވާކަމަށާ މިއަދުގެ މިޙަރަކާތައް ގިނަޢަދަދެއްގެ ޢާންމުންގެ ތަރުހީބު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.