ޚަބަރު

ދެކުނު ސަރަހައްދުގައި ކުނި މެނޭޖު ކުރުމަށް ސޯޅަ މިލިއަން ޑޮލަރުގެ މަޝްރޫއެއް


ދެކުނުގެ ސަރަހައްދުގައި ކުނި މެނޭޖު ކުރުމަށް 16 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް ފަށަން ނިންމާފައިވާ ކަމަށް އެންވައިރޮމެންޓް މިނިސްޓްރީން ބުނެފިއެވެ.

އައްޑޫސިޓީގެ ވެމްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން، އެންވައިރޮމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ދެކުނުގެ ކުނި މެނޭޖު ކުރާ މައި މަރުކަޒު ހެދުމަށް ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިޝްރޫއު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދެކުނު ކޮރެއާގެ ކުންފުންޏަށް މިހާރު ބިޑް ހަވާލު ކޮއްފައިވާ ކަމަށެވެ.

އައްޑޫގައި މަސައްކަތް ކުރާ ވެމްކޯގެ ގިނަ މުވައްޒަފުން ބައިވެރިވި މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަަމުން މިނިސްޓަރ ވިދާޅުވީ މިއީ ކުރީގައި ވެސް ކުރުމަށް ރޭވިފައިވާ މަޝްރޫއެއް ކަމަށާއި ނަމަވެސް އޭރު އެކަން މަޑު ޖެހިފައި އޮތީ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ނުވާތީ ކަމަށެވެ. ނަމަވެސް މިސަރުކާރުން އެމަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، މަޝްރޫޢު ފެށުމަށް މިހާރު ހަމަ އެކަނި ބޭނުންވަނީ އެތަން އެޅުމަށް ސިޓީ ކައުންސިލުން ބިމެއް ހަމަ ޖައްސަވައި ދިނުން ކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.

އެންވއިރޮމެންޓް މިނިސްޓަރ ވިދާޅުވި ގޮތުގައި މިމަޝްރޫއުގެ ސަބަބުން ސަރުކާރުން ކުނި އަގުހުރި އެއްޗަކަށް ހެދުމަށް ވިވަޢުދު ފުރިހަމަވެގެންދާތަން ރައްޔިތުންނަށް ފެނިގެން ދާނެ ކަމަށެވެ. އެގޮތުން މިމަޝްރޫގެ ނިމުމާއެކު މި ސެންޓަރުން ދުވާލެއްގެ މައްޗަށް 1.5 މެގަ-ވޯޓްގެ ކަރަންޓު އުފައްދާނެ އޭނާ ވިދާޅުވިއެވެ.

މިސިޓީގައި އަޅުގަނޑުމެން ޤާއިމު ކުރަން މިއުޅޭ ވޭސްޓް މެނޭޖްމެންޓް ސެންޓަރ ހިނގަން ފެށީމާ، މިތަނުން އުފައްދާނެ ދުވާލަކު 1.5 މެގަ-ވޯޓް ކަރަންޓު. އައްޑޫސިޓީގައި ބޭނުންކުރަނީ ގާތްގަނޑަކަށް 6 މެގަ-ވޯޓްގެ ކަރަންޓް. އޭގެ ތެރެއިިން 1.6 މެގަ-ވޯޓް ކަރަންޓު މިހާރުވެސް އުފައްދަނީ ސޯލާ އެނާޖީން. އެއީ ގާތްގަނޑަކަށް 27 އިންސައްތަ. އެހެންވީމަ އިތުރު 25 އިންސައްތަ އުފައްދަން އަޅުގަނޑުމެން މަސައްކަތް މިކުރަނީ ހަމަ ސީދާ ކުނި އަނދައިގެން. " ޑރ. ހަސަން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ މިނިޒާމު މަސައްކަތް ކުރާ ގޮތް ވެމްކޯގެ މުވައްޒަފުންނާއި ހިއްސާ ކޮއްފައެވެ. އެގޮތުން މިނިޒާމުގެ ދަށުން މިސެންޓަރުގައި ބެހެއްޓޭ އިންސިނެރޭޓަރުގައި ކުނި އަންދާއިރު އެއިން އުފެދޭ ހޫނުން ފެން ހޫނު ކުރާނެ ކަމަށެވެ. އަދި އެހޫނު ކުރެވޭ ފެނުން އަރާ އާވިން ބުރަފަތި އަނބުރައިގެން ކަރަންޓު އުފައްދާ ގޮތަށް ކަމަށެވެ.

މިބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ވަނީ ދާދި އަވަހަށް މިމަޝްރޫއަށް ބޭނުންވާ ބިން ހިތަދޫއިން ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ދެކުނު ސަރަހައްދުގައި ޤާއިމު ކުރުމަށް ނިންމާފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް އައްޑޫސިޓީގެ އަވައްތަކުގެ އިތުރުން ފުވައްމުލަކުގައިވެސް އުފެދޭ ކުނި އެންދުމަށް ގެންދާނެއެވެ. މިފަދަ ބޮޑު މަޝްރޫއެއްގެ ސަބުބުން ދެކުނުގައި ދެ ސިޓީ ކަމަށްވާ އައްޑޫ އަދި ފުވައްމުލަކުގެ ކުނީގެ މައްސަލަ އަށް ހައްލެއް ލިބިގެން ދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.