އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ކުރި ތަޙްޤީޤު ރިޕޯޓު ޢާއްމު ކުރުމަށް އެ ކޮމިޝަނުން ނިންމީ ސިޔާސީ ގޮތުން އައި ބަދަލާއި ގުޅިގެން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ ނާއިބު ރައީސް މުޢައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ރިޕޯޓު ޢާއްމު ނުކުރުމުގެ ސަބަބުން އޭސީސީއަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންދިޔަ ކަމަށެވެ. އަދި ތަފާތު އެކި ފޯރަމްތަކުގައި ސިޔާސީ ފަރާތްތަކުންވެސް އެކަމުގައި އޭސީސީ ބަދުނާމުވާ ގޮތަށް ވާހަކަތައް ދައްކަމުންދިޔަ ކަމަށް މުޢައްވިޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭ ރިޕޯޓަކީ ޢާއްމުންގެ މަސްލަޙަތާއި ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމަށާއި އެހެންކަމުން ރިޕޯޓު ޢާއްމު ކުރަން އޭސީސީން ނިންމީ އެފަދަ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށެވެ.
"ސިޔާސީ ގޮތުން އައި ބަދަލުތަކާއި އަދި އެހެން ގޮތްގޮތުން އޭސީސީއަށް އައި ފާޑުކިއުންތަކާއި އަދި ދަޢުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތަކަށް ބަލާފައި އޭސީސީގެ މެންބަރުންނަށް ފާހަގަކުރެވުނީ މި މައްސަލައިގެ ފުރިހަމަ ތަޙްޤީގީ ރިޕޯޓު ޢާއްމުންނަށް ގެނެސް ދިނުމަކީ މުހިއްމު ކަމެއް ކަމަށް. އެއީ އެކިފަހަރު އެކި ފަރާތްތަކުން އެކި ގޮތްގޮތަށް މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަމުން ދިޔައީ،" މުޢައްވިޒު ވިދާޅުވިއެވެ.
މުޢައްވިޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައަކީ މިހާތަނަށް އެ ކޮމިޝަނުން ތަޙްޤީގު ކޮށްފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި އަދި ތަޙްޤީގަކަށް އެންމެ ބުރަ މަސައްކަތްވެސް ކޮށްފައިވާ މައްސަލަ ކަމަށެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ތަޙްޤީގު ކުރަން ފެށީ އެކަމުގައި ކޮރަޕްޝަން ހުރި މިންވަރު ކަމަށާއި ނަމަވެސް އެ މައްސަލައިގެ ތެރެއިން އިތުރު އެތައް މައްސަލަތަކެއް އޭސީސީއަށް ފާހަގަކުރެވުނު ކަމަށެވެ. އޭގެތެރޭގައި ފޯޖަރީއާ ގުޅުންހުރި މައްސަލަތަކާއި މަނީ ލޯންޑަރިންއާ ގުޅުންހުރި ކުށްތަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށް ހިމެނޭ ކަމަށް މުޢައްވިޒު ވިދާޅުވިއެވެ.
"2107ވަނަ އަހަރު ނިމުނު ރިޕޯޓެއް ނިންމާފައި ޕީޖީ އޮފީހަށާއި ކަމާބެހޭ ހުރިހާ އިދާރާތަކަށް އޭސީސީން މަޢުލޫމާތު ފޯރުކޮށްދިނިން. ވަރަށް ގިނަ ފަރާތްތަކުން ފާހަގަކުރޭ އޭސީސީން މަޢުލޫމާތު ސިއްރުކޮށްފައި ބޭއްވީ، ސިއްރެއް ނުކުރަން އޭސީސީއަކުން ރިޕޯޓުގައި ހުރި މަޢުލޫމާތުތަކެއް. ދަޢުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށާއި ބަންޑާރަ ނާއިބުގެ އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށާއި އަދި ޓޫރިޒަމް މިނިސްޓްރީއަށް މި ރިޕޯޓުގައި ނިންމުމުގައި ހުރި ކަންތައްތަކާއި ރިމަންޑޭޝަންގައި ހުރި ކަންކަން ވާނީ ފާހަގަކޮށް ފޮނުވާފައި،" މުޢައްވިޒު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދަޢުލަތުގެ ކަމާގުޅުންހުރި މުޢައްސަސާތަކަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ތަރުޖަމާން އިބްރާޙީމް ޙޫދު މީގެކުރިން ވިދާޅުވީ އެ ރިޕޯޓު ރައީސް ޞާލިޙަށް ކުރިން ލިބިވަޑައިގަންފައި ނުވާ ކަމަށެވެ.