ސިޔާސީ

ނަޝީދަށް ލިބެންޖެހޭ ބައެއް ހައްގުތައް ނުލިބޭ - އެޗް.އާރު.ސީ.އެމް


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރެރިޒަމްގެ ދައުވާގެ
ޝަރީއަތް ކުރިއަށްދިޔައިރު މުހައްމަދު ނަޝީދަށް ޤާނޫނު އަސާސީއާއި ޤާނޫނުން
ލިބެންޖެހޭ ހައްޤުތަކާއި، ބައިނަލް އަޤްއާމީ މުހާހަދާތަކުގައި ބަޔާންކޮށްފައިވާ
ސިޔާސީ އަދި މަދަނީ ހައްޤުތަށް ލިބިފައި ނުވާކަމަށް ބުނެ އެޗް.އާރ.ސީ.އެމުން
ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިއަދު އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި
ބުނެފައިވަނީ މިމައްސައިގެ ޝަރީއަތް ކުރިއަށްދިޔަ އިރުވެސް މިކަމާ ގުޅޭ
ކަންބޮޑުވުންތައް ހިއްސާ ކުރުމުގެ ހުއްދައަކަށް ކޯޓުގައި އެދިފައިވާކަމަށާއި،
ނަމަވެސް ހުކުމް އިއްވުމުމާހަމައަށްވެސް މިކަމުގައި އެކަށީގެންވާ ޖަވާބެއް ލިބިފައި
ނުވާކަމަށް އެކޮމިޝަނުން ބުނެއެވެ.



މިމައްސަލައިގައި އިންސާނީ ޙައްޤު ތަކުގެ ނަޒަރުން ކުރަންޖެހޭ ކަންތައްތައް
ހޯދާނެކަމަށާއި، އިސްތިއުނާފް އަޑުއެހުން ކުރިއަށްދާއިރުވެސް މިމައްސަލަ ގާތުން
ބަލަމުން ގެންދާނެކަމަށް އެޗް.އާރ.ސީއެމުން ބުނެއެވެ.



މީގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވެސް ވަނީ މިކަމާ ކަންބޮޑުވުން
ފާޅުކޮށް ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސއިންވަނީ
މި މައްސަލައިގައި ދިފާއީ ހެކި ހުށައެޅުމަށް ރައީސް ނަޝީދަށް އެކަށީގެންވާ ވަޤުތު
ދީފައިނުވާކަމަށާއި،
މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުންނާއި، ޕްރޮސިކިއުޓަރ
ޖެނެރަލްއަކީވެސް މިމައްސަލައިގައި އަމިއްލަ މަސްލަހަތު އޮތްބޭފުޅުންކަން
ތުހުމަތުކޮށްފައެއެވެ.



އެހެންނަމަވެސް ކްރިމިނަލް ކޯޓުން ބުނެފައިވަނީ ނަޝީދުގެ
ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ އެކަށީގެންވާ ވަގުތު ދީގެން ކަމަށާއި،
އެގޮތުން މިމައްސަލައާ ގުޅޭ ފައިލްތައް ނަޝީދުގެ ޤާނޫނީ ޓީމުގެ އަތުގައި ހުންނަތާ
3 އަހަރުވެފައިވާކަމަށް ކްރިމިނަލް ކޯޓުން ފާހަގަކުރައްވާފައެވެ. އަދި
މިމައްސަލަ ބަލާ ފަނޑިޔާރުންނަކީ މަސްލަހަތު ފުށުއަރާ ފަނޑިޔާރުން ކަމަށް
ބެލެވޭނެތަނެއް ނެތްކަމަވެސް ކޯޓުން ވަނީ ބުނެފައެވެ. މީގެއިތުރުން ނަޝީދުގެ ޝަރީޢަތް
ކުރިއަށްދިޔައިރު ހުކުމް އިއްވުމާ ހަމައަށްވެސް ދިފާއީ ވަކީލުން އައްޔަން ކުރުމުގެ
ފުރުސަތު ރައީސް ނަޝީދަށް ހުޅުވިފައިވާކަންވެސް ކޯޓުންގެންދެވީ ތަކުރާރުކޮށް
ވިދާޅުވަމުންނެވެ.