މުޖުތަމައުގެ ކުރިމަގުކަމުގައިވާ އަދުގެ ތުއްތު ކުދިންނަށް ދަސްކޮށްދެވޭ އެންމެ ފުރަތަމަ ބަހަކަށް ދިވެހިބަސް ވާންޖެހޭކަމަށް މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރަށްވުރެ ބޮޑަށް ދަރިންގެ ހިތުގައި ބަހަށް ލޯބިޖެއްސުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. މުއާމަލާތުކުރުމުގައި ދިވެހިބަސް ބޭނުންކުރަން ފަސްޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ދަރިވަރުން ބަހާމެދު ދެކޭގޮތް ބަދަލުކުރަންޖެހޭކަމަށެވެ.
ތުއްތުކުދިންގެ އިތުރުން ޅަފަތުގެ ތައުލީމުގައިވެސް ދިވެހިބަސް ކިޔަވައިދޭންޖެހޭ ކަމަށް ވެސް މިނިސްޓަރ ވަނީ ފަހަގަކުރައްވާފައެވެ. އަދި ޓެކޮނިލޮޖީއާއި ރައްޓެހި ކުދިން ޝައުގުވެރިވާފަދަ ގޮތަކަށް ކިޔަވައިދެމުންދާ މާއްދާއަކަށް ދިވެހިބަސް ހަދަންޖެހޭ ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
ދަރުބާރުގޭގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި މާލޭގެ އެކިއެކި ސްކޫލްތަކުގެ ދަރިވަރުންވަނީ ދުވަހާއި ގުޅުންހުުރު ހުޝަހެޅުންތަކެއް ހުޝަހަޅާފައެވެ. އަދި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރު އެކި އިދާރާތަކުގެ އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.