ސިޔާސީ

ހުކުމާމެދު ބޭރުގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި


ކްރިމިނަލްކޯޓްގެ އިސްޤާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތޭރަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމް ކުރުމާ ގުޅިގެން އެމެރިކާއާ އިނގިރޭސިވިލާތާ އިންޑިއާއާ ވިލާތުގެ އިއްތިހާދުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ނަޝީދުގެ ހުކުމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ފޮރިން އޮފިސް މިނިސްޓަރ ހިއުގޯ ސުވަޔަރ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަޤްވާމީ ދުނިޔޭގެ ގޮވާލުންތަކާ އެކު ވެސް، ރައީސް ނަޝީދާ ދެކޮޅަށް ހިންގާފައިވާ ޝަރީޢަތަކީ ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރި ގޮތެއްގައި ޤާނޫނީ ހަމަތަކުގެ މަތިން ގެންދިޔަ ޝަރީޢަތެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާ މިކަމާ އިނގިރޭސިވިލާތުން ކަންބޮޑުވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފަށް ހުށަހަޅައިފިނަމަ މި މައްސަލަ ގާތުން ބަލަމުންދާނެ ކަމަށާ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްޤުތައް ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރާ ކަމަށް ސުވަޔަރގެ ބަޔާނުގައި ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް ކުރި ހުކުމާ މެދު އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ، ނަޝީދުގެ ޝަރީޢަތް ހިންގާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ފެންމަތިވެފައިވާ ރިޕޯޓްތަކާ މެދު އެމެރިކާއިން ކަންބޮޑުވާ ކަމަށެވެ. އަދި ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވާ އިރު އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ދިވެހި ސަރުކާރަށް އެމެރިކާއިން ގޮވާލާ ކަމަށް ވެސް ސާކީ ވިދާޅުވިއެވެ. މީގެ އިތުރުން ޑިމޮކްރަސީއަށް އޮންނަ އިތުބާރު އަލުން އިޔާދަކޮށް ޤާނޫނު ނެގެހެއްޓުމުގެ އިތުރު މަސައްކަތްތައް ކުރުމަށް ވެސް އެމެރިކާއިން ވަނީ ގޮވާލާފައެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމްގެ ސަބަބުން ރާއްޖޭގެ ޝަރުޢީ ނިޒާމުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށާ ރައްޔިތުން އަދުލުގެ ނިޒާމަށް ކުރާ އިތުބާރު ކުޑަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިލާތުގެ އިއްތިހާދުން ވަނީ ބުނެފައެވެ.އެއިތިއްހާދުން ނެރެފައިވާ ބަޔާނެއްގައި ވަނީ  ބުނެފައިވަނީ މަދަނީ އަދި ސިޔާސީ ހައްޤުތަކާ ގުޅުން ހުރި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ކޮންމެ ރައްޔިތަކާ މެދު ވެސް ޤާނޫނުގެ ތެރެއިން އިހްތިރާމާއެކު އަދުވެރި ނިޒާމެއްގެ ދަށުން ޢަމަލުކުރުމަކީ ސަރުކާރުގެ މައްޗަށް ލާޒިމްކުރާ ކަމަށެވެ.ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސައިދު އަކްބަރުއްދީން ވަނީ ޓުވީޓްކުރައްވާފައި. މި ޓުވީޓްގައި ރާއްޖޭގެ ޙާލަތު ގާތުން ބައްލަވަމުންދާ ކަމަށް ވެސް އަކްބަރުއްދީން ވަނީ ވިދާޅުވެފައެވެ.