ވިޔަފާރި

ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ޕޯރޓުގެ މަސްޓަރޕްލޭން މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފި


ތިިލަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޕޯރޓުގެ މާސްޓަރ ޕްލޭން ހެދުމާއި، ޑީޓެއިލް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ދިން މުއްދަތު އިތުރުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އިކޮނޮމިކް މިނިސްޓްރީން ތިލަފުށީ ޕޯރޓު ތަރައްޤީ ކުރުމަށްޓަކައި މާސްޓަރޕްލޭނެއް ހެދުމާއި، ޕޯރޓުގެ ޑީޓެއިލް ޑިޒައިނާއި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވާކަމަށެވެ.

އެ އިއުލާނުގައިވާގޮތުން ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ، މާޗުމަހުގެ 7ވަނަ ދުވަހުގެ 2 ޖެހުމާއި ހަމައަށެވެ. ކުރިން މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު ހަމަވާނެ ތާރީޙެއް ކަމަށް ކަނޑައަޅާފައިވަނީ މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ކޮލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލުންކަމަށާއި، ދިވެހި ސަރުކާރުން ހިތްވަރު ދެނީ ބައިނަލްއަޤްވާމީ ފަރމްތަކުން ދިވެހި ފަރމްތަކުގެ ބައިވެރިވުމާއެކު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ކަމަށެވެ.

ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ޕޯރޓުގެ މާސްޓަރޕްލޭނާއި ޑީޓެއިލް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައިވާއިރު، ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެކަމަށް، ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.