ޚަބަރު

ޝަރީޢަތް ނިމެންދެން ޔާމީން ހައްޔަރުކުރި މައްސަލަ އިސްތިއުނާފަށް ބަލައިގެންފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދަޢުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

އެ މައްސަލަ ހައިކޯޓުން ބަލައިގެންފައިވާކަން ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޢަބްދުﷲ ޝިޔާޒު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ގެންދާނީ އާއްމުކޮށް ހުޅުވާލައިގެންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލް ޢަބްދުﷲ ޝިޔާޒު ކުރެއްވި ޓްވީޓު:


އެ އޮފީހުން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޔާމީންގެ މައްޗަށް ކުރިމިނަލްކޯޓަށް ހުށައަޅާފައިވާ ދަޢުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގެ އެއްވެސް ބައެއް ސިއްރުކުރަން އެ އޮފީހުން އެދިފައިނުވާނެކަމަށެވެ. އަދި އެ ޝަރީއަތް ކުރިއަށްދާނީ އާއްމުކޮށް ހުޅުވައިލައިގެން ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން އަމުރުކޮށްފައިވާއިރު އެމަނިކުފާނުގެ އެކުންޓްތައް ފްރީޒުކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައްވެސް ހައިކޯޓުން ވަނީ ނިންމާލައިފައެވެ

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން އަމުރު ކުރުމާއިއެކު އެމަނިކުފާނު ވަނީ މާފުށި ޖަލަށް ބަދަލުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިނާޔާތުގެ ފައިސާ ނަގާ އެފައިސާތައް އެކި ފަރާތްތަކަށް ޖަމާކޮށްދެމުންދިޔަ އެސްއޯއެފްއިން ވަނީ ޔާމީންގެ އެކައުންޓަށްވެސް އެ މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް އޭސީސީން އެންގުމުން ޔާމީންވަނީ އެ ފައިސާ ދެއްވުމަށް އިންކާރުކުރައްވާ އޭސީސީއާއި އެކު އެސްކްރޯ އެކުންޓެއް ހުޅުވާފައެވެ. އަދި އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެ ފައިސާ ނޫންކަމަށް އެމަނިކުފާނުވެސް ވަނީ އިއުތިރާފުވެޑައިގެންފައެވެ.