ޚަބަރު

އެމެރިކާއިން ރާއްޖެއަށް 150 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ


އެމެރިކާއިން ރާއްޖެއަށް 9.75 މިލިއަން ޑޮލަރު ނުވަތަ 150 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ. މި އެހީ ދިނުމަށް ނިންމިކަން ހާމަކުރެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ޚާރިޖީވަޒީރު މައިކް ޕޮމްޕެއޯއި އެކު ބޭއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުންވަނީ ރާއްޖެއާއި އެމެރިކާއާއި ދެ ޤައުމުގެ ގުޅުމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެމެރިކާއިން އަބަދުވެސް ރާއްޖެއަށް އެހީވެދޭނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމެރިކާގެ ސަރުކާރާއި ކޮންގްރެސްއާއި ގުޅިގެން ރާއްޖެއަށް 9.75 މިލިއަން ޑޮލަރު ނުވަތަ 150 މިލިއަން ރުފިޔާ ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ހާމަކުރައްވާފައެވެ.

ޕޮމްޕެއޯ ވަނީ ރާއްޖޭގައި ދަރަނީގެ ކަންކަން މެނޭޖްކުރުމާއި މާލީ ދާއިރާ ހަރުދަނާކުރުމަށާއި، ފައިސާ މެދުވެރިކޮށް ކުރެވޭ ކުށްތައް މަދުކުރުމަށް އެމެރިކާއިން ރާއްޖެއަށް އެހީތެރިވެދޭނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޕޮމްޕެއޯ ވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާއާއި އެހެނިހެން ނިޒާމުތައް ފުރިހަމަކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޓެރަރިޒަމްއާއި ހައްދުފަހަނައަޅައިދިއުމާއި ހަރުކަށި ވިސްނުމާއި ދެކޮޅަށް ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދްގެ މި ދަތުރުފުޅުގައި އެމެރިކާގެ ނެޝަނަލް ސެކިުރިޓީ ކައުންސިލާއި ޔުއެސްއެއިޑާއި އޯޕެކްގެ އިސްވެރިންނާއި އެނޫންވެސް އެކި ދާއިރާތަކުގެ ވެރިންނާއި ދަނީ ބައްދަލުކުރައްވަމުންނެވެ. މިގޮތުން އެމެރިކާގެ އިސްވަފްދުތަކާއި ކުރެއްވި މަޝްވަރާތަކުގައި ވަނީ އެމެރިކާއާއި ރާއްޖެއާއި ދެމެދު ސީދާ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމާއި މެދު މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެމެރިކާގެ ބާޒާރުގައި މިހާރަށްވުރެ ފަހިކޮށް ލިބޭނެ ގޮތަކަށް މަހުގެ ބާވަތްތަކުގެ އެކްސްޕޯޓް އިތުރުކުރުމާމެދު ވެސް މަޝްވަރާކުރައްވާފައިވޭ.

ފޮރިން މިނިސްޓަރ ޝާހިދު އެމެރިކާގައި މިވަގުތު ހުންނެވިއިރު މިއީ އެމެރިކާގެ ޚާރިޖީ ވަޒީރެއްގެ ދަޢުވަތަކަށް ރާއްޖޭގެ މިނިސްޓަރަކު އެމެރިކާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.