ތިމާވެށި

ސްކޫލުތަކަށް ތިމާވެއްޓާ ރައްޓެހި ފެންއަޅާ ފުޅި ހަދިޔާކުރުމަށް ދެ ވަޒީރަކު އައްޑޫ ސިޓީއަށް


މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއާއި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.

އެޑިއުކޭޝަން މިނިސްޓަރާއި އެންވަޔަރަމަންޓް މިނިސްޓަރުގެ މިދަތުރުފުޅަކީ ސްކޫލްތަކުގައި ޕްލާސްޓިކް ފުޅިތައް ގެންގުޅޭ މިންވަރު މަދުކުރުމުގެ ޤައުމީ ކެމްޕޭނުގެ ދަށުން ތަޢާރަފްކޮށްފައިވާ ރީޔޫސަބަލް (ބީ.ޕީ.އޭ ފްރީ) ފެންފުޅި އައްޑޫސިޓީގެ ސްކޫލްތަކާއި ރަސްމީކޮށް ހަވާލުކުރުމަށްޓަކައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔުނިސެފް ގުޅިގެން ހިންގާ މިހަރަކާތުގައި މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަހަރު ގްރޭޑް 1 އަށް އަލަށް ވަންނަ ދަރިވަރުންނަށް އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ، ފެންއަޅާފުޅި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ހަވީރު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިޔާތުގައި އައްޑޫސިޓީގެ 12 ސްކޫލަކާއި ފެންފުޅި ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ޕްލާސްޓީކް ފުޅިއާއި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ޤައުމީ ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ޙަރަކާތެކެވެ.