ޚަބަރު

ރައީސް ޔާމީން ޔާމީން ދޫކޮށްލުމަށް ގޮވާލާ މާލޭގައި މުޒާހަރާކޮށްފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދޫކޮށްލުމަށް ގޮވާލާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ރޭ މުޒާހަރާކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި މުޒާހަރާކޮށްފައި މިވަނީ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރާ މަނީލޯންޑަރިންގެ މައްސަލައިގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ޢަމަުރުކުރުމާއި ގުޅިގެންނެވެ.

ކަރެކްޝަނަލް ސާރވިސް އިން އިއްޔެ ވަނީ ރައީސް ޔާމީން ބޭސްފަރުވާއަށް އައިޖީއެމްއެޗަށް ގެނެސްފައެވެ. ހިތުގެ އާލާސްކަންފުޅެއްގައި މިހާރު އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.

އިއްޔެ ޔާމީން ޑޮކްޓަރަށް ދެއްކެވުމަށް އައިޖީއެމްއެޗަށް ގެނައި ވަގުތު އެމަނިކުފާނަށް ސަޕޯޓު ކުރައްވާ ބައެއް ފަރާތްތަކުން ވަނީ އެ ސަރަޙައްދަށް އެއްވެފައެވެ. އަދި އެއްވި މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއްވެސް ހިނގާފައިވެއެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ރޭ މުޒާހަރާ ބާއްވާފައިވަނީ ކާނިވާ ސަރަޙައްދުގައެވެ. މި މުޒާހަރާގައި ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ޝުޢޫރުފާޅުކޮށްފައެވެ. އެގޮތުން ޔާމީން ހައްޔަރުކޮށްފައިވަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކުރި ލިބިދާނެތީކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.