ސިޔާސީ

ކޯޓްތަކަށް ނުފޫޒް ފޯރުވާ ބިރު ނުދެއްކުމަށް ގޮވާލައިފި


ރާއްޖޭގެ ކޯޓުތަކުގައި ހިނގާ
ޝަރީއަތްތަކަށް އެއްވެސް ސިފައެއްގައި ނުފޫޒް ފޯރުވުމާއި، ކޯޓުތަކުގެ
ފަނޑިޔާރުންނަށް އިންޒާރުދީ ބިރު ދައްކައި ހެދުމަކީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީން ނަގަހައްޓާފައިވާ ދިމިޤްރާތީ އުޞޫލުތަކާއި ޚިލާފްކަމެއްކަމަށްވާތީ
އެކަންކުރަމުންދާ ފަރާތްތަކުން، ހުއްޓާލުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން
ގޮވާލައިފިއެވެ. 

އެއޮފީހުން ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނު
އަސާސީ ނެގެހެއްޓުމާއި، ރާއްޖޭގެ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ ޤާނޫނު
އަސާސީއާއި ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ރާއްޖޭގެ ސުޕްރީމް ކޯޓުގެ
މަސްއުލިއްޔަތެއްކަމަށެވެ. އަދި ރާއްޖޭގެ އަދުލް އިންސާފު ޤާއިމް ކުރުމުގެ ބާރު
ލިބިގެންވަނީ، ރާއްޖޭގެ ޝަރުއީ ކޯޓުތަކަށްކަމަށް ޤާނޫނު އަސާސީގައި ސާފުކޮށް ބުނެފައިވާކަމަށްވެސް
މިބަޔާނުގައި ބުނެފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަކީ
މުސްތަގިއްލު ބަޔަކަށްވެފައި، އަމިއްލަ ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއް
ހިންގުމާއި ހަވާލްވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާއިބެހި ނުފޫޒް
ފޯރުވައިގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ކޯޓުތަކުގެ މިނިވަންކަން
ރައްކާތެރި ކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ހިމާޔަތްކޮށްދީ،
އެތަންތަނަކީ ވަކި ފަރާތަކަށް ނުޖެހި ހަރުދަނާގޮތެއްގައި މަސައްކަތްކުރާތަނަކަށް
ހެދުމަށްޓަކައި ޤާނޫނާއި ޤަވާއިދުތަކުގެ ޒަރީއާއިންނާއި އެންމެހައި މީހުން
ކޯޓުތަކަށް އެހީތެރިވާންވާނެކަމަށްވެސް ޤާނޫނު އަސާސީގައި
ބުނެފައިވާކަމަށްވެސް އެނޫސްބަޔާނުގައި ބުނެފައިވޭ.  

އެހެންކަމުން ރާއްޖޭގެ ކޯޓުތަކުގައި ހިނގާ
ޝަރީއަތތްތަކަށް އެއްވެސް ސިފައެއްގައި ނުފޫޒް ފޯރުވުމާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް
އިންޒާރުދީ ބިރު ދައްކައި ހެދުމަކީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ
މުއާހަދާތަކާއިވެސް ޚިލާފްކަމަކަށްވަތީ އެކަންކަން ހުއްޓާލުމަށް އިލްތިމާސްކުރާކަމަށް
އެބަޔާނުގައި ބުނެފައިވެއެވެ.