ވިޔަފާރި

ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭ މަސްދޯނި އެކައުންޓު ރައީސް އިފްތިތާޙް ކޮށްދެއްވައިފި


މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭ، "މަސްދޯނި އެކައުންޓް" ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

"މަސްދޯނި އެކައުންޓު" ރައީސް ޞާލިޙު އިފްތިތާޙް ކޮށްދެއްވީ އެކަމަށްޓަކައި ގއ. ކޫއްޑޫގައި މިރޭ އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ މި ޙިދުމަތާއި އެކު މަސްވެރިންނަށް ގިނަ ފަސޭހަތަކަކާއި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

"މަސްވެރިންނަށް މި ތައާރަފްކުރެވެނީ އެންމެ މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަރަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ޚިދުމަތެއް. މަސްެވެރިންނަށް ދޫކުރާ މަސްވެރިޔާ ކާޑު މެދުވެރިކޮށް ރައްކާތެރިކަމާއެކު ނަގުދު ފައިސާ އާ ނުލައި ކޮންމެ ވަގުތަކު ކޮންމެތާކު ހުންނަވައިގެން ބޭންކިންގ ޚިދުމަތް ހޯދޭނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ލިބޭނެ އެންމެ އުފާރި އެއް ޚަބަރަކީ މިގޮތަށް މަސްވެރިޔާ ކާޑު މެދުވެރިކޮށް ލިބޭ އާމްދަނީ އަށް ބަލައި ބޭންކުން ފަސޭހައިން ލޯނު ދިނުމުގެ ފުރުސަތު ފަހިވެގެން ދިޔުން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ކާޑު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށްވެސް މި ކާޑު ބޭނުންކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖެއިން ބޭރުގައި މި ކާޑު ބޭނުންކުރެވޭ، މިއީ މާސްޓަރ ކާޑާއި އެއްކޮށް ބްރޭންޑް ކުރެވިފައިވާ ކާޑެއް ކަމަށްވުމުން ރާއްޖެއިން ބޭރަށް ވަޑައިގެން ސިއްޚީ ފަރުވާއެއް ވިޔަސް އަދި އެހެން ބޭނުމަކަށް ވިޔަސް ރާއްޖެއިން ބޭރަށް ވަޑައިގަތީމަ، ބޭރުގެ އޭޓީއެމްތަކުގައާއި ކާޑު މެޝިންތަކުގައި މި ކާޑު ބޭނުންކުރެވޭ، އަދި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށްވެސް މި ކާޑު ބޭނުންކުރެވޭނެ، ޑޮލަރު ގަތުމަކާއި ނުލައި،" ޝަރީފް ވިދާޅުވިއެވެ.

އަލަށް ތައާރަފްކޮށްފައިވާ މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއެކު މަސްވެރިންނަށް ޑިޖިޓަލް ވޮލެޓަކާ ލިންކުކޮށްފައިވާ ހާއްސަ ކާޑެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ބޭންކިންގ މުއާމަލާތްތައް ހިންގޭނެއެވެ. މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ.

މަސްވެރިންގެ އަތުން މަސް ގަންނަ ކުންފުނިތަކަށް މި ޑިޖިޓަލް ވޮލެޓާއެކު ހިމެނޭ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް މަސްދޯނިތަކަށް ފައިސާ ދެއްކޭނެއެވެ. މިއާއެކު މިފަދަ ކުންފުނިތަކަށް ބޭނުންވާ ނަގުދު ފައިސާގެ މިންވަރު ދަަށްކުރެވިގެންދާނެއެވެ. މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް އެ ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެއެވެ. އަދި މީގެ އިތުރުން އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖޭން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެއެވެ.