ވިޔަފާރި

މަންތާ އެއަރގެ ދަތުރުތައް ފެށުމަށް ހުއްދަ ހޯދުމަށް 'ޕްރޫވިންގ' ދަތުރުކޮށްފި


މަންތާ އެއަރގެ ދަތުރުތައް ފެށުމަށް ސިވިލް އޭވިއޭޝަނުން ދޭން ޖެހޭ ހުއްދަ ދިނުމަށްޓަކައި ކުރަންޖެހޭ 'ޕްރޫވިންގ' ދަތުރުކޮށްފިއެވެ.

ސިިވިލް އޭވިއޭޝަނުން އެއަރލައިނަކަށް އުދުހުމުގެ ހުއްދަ ދިނުމުގެ ކުރިން ބަލާ ކަންތައްތަކުގެ ތެރޭގައި ޕްރޫވިންގ ދަތުރަކީ މުޙިއްމު ބައެކެވެ. މިއީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން މަންތާ އެއަރއަކީ ދަތުރުތައް ކުރުމަށް ޤާބިލް އެއަރލައިނެއްތޯ ބެލުމަށް ކުރާ ދަތުރެކެވެ. އެގޮތުން މަންތާ އެއަރލައިންގެ ޕްރޫވިންގ ދަތުރުކޮށްފައިވަނީ އިއްޔެ ދ. ކުޑަހުވަދޫއަށެވެ.

މި ދަތުރުގައި ސިވިލް އޭވިއޭޝަނުގެ ބޭފުޅުންވަނީ ބައިވެރިވެރިވެ، ދަތުރު އިންސްޕެކްޓްކޮށްފައެވެ. މަންތާ އެއަރލައިނުގެ އޮފިޝަލަކު ވިދާޅުވީ، ދަތުރުތައް ފެށުމަށް ސިވިލް އޭވިއޭޝަނުން ހުއްދަ ލިބުމާއި އެކު، އެއަރލައިންގެ ދަތުރުތައް ފަށާނެ ކަމަށެވެ.

މަންތާ އެއަރއިންވަނީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް 2 މަތިންދާ ބޯޓު ގެނެސްފައެވެ. އަދި މިއަހަރުގެތެރޭ ތިންވަނަ މަތިންދާބޯޓެއް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް މަންތާ އެއަރއިން މީގެކުރިންވަނީ ބުނެފައެވެ.

މަތިންދާބޯޓުގެ އިތުރުން ސީޕްލޭންގެ ދަތުރުތައް ފެށުމަށް ވެސް މަންތާ އެއަރއިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން 6 ސިޕްލޭން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާއިރު މި ސީޕްލޭންގެ ދަތުރުތައް މި އަހަރުގެތެރޭ ފަށާނެ ކަމަށް މަންތާ އެއަރއިން ބުނެއެވެ.

މަންތާ އެއަރގެ ދަތުރުތައް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ދ.ކުޑަހުވަދޫއަށެވެ. އަދި މަންތާގެ ޚިދުމަތްތައް ފަށައި އޮޕަރޭޝަން ފުޅާވުމާއެކު އިތުރު ސަރަޙައްދުތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ އެއަރއިން ބުނެއެވެ.

މަންތާ އެއާރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ފަށާ ހަތަރުވަނަ އެއާރލައިނެވެ މިވަގުތު އެތެރޭގެ އުދުހުންތަކުގައި 4 ކުންފުންޏަކުން ފްލައިޓުތައް އޮޕަރޭޓުކުރަމުންދެއެވެ. އޭގެ ތެރޭގައި، ހިމެނެނީ، އައިލެންޑް އޭވިއޭޝަން، ވިލާ އެއަރ އަދި ޓްރާންސް މޯލްޑިވިއަން އެއަރވޭސް އެވެ.