ޚަބަރު

އައިއޯއައިޖީގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ވަރުގަދަ ގްރޫޕަކަށް


އަންނަ ޖުލައި މަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފިއެވެ.

މޮރީޝަސްގައި އޮންނަ ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުން ރާއްޖެ ލައްވާލީ 2015ގެ އައިއޯއަޖީގެ ރަން މެޑަލް ހޯދި ރީޔޫނިއަން އަދި ރިހި މެޑަލް ހޯދި މެޔޯތްއާއިއެކު ގްރޫޕް ބީގައެވެ. ރީޔޫނިއަންއަކީ މިހާތަނަށް އެޓީމް ބައިވެރިވި ހުރިހާ އަހަރަކުވެސް ފުޓްބޯޅަ އިވެންޓުން މެޑަލް ހޯދާފައިވާ ޓިމެކެވެ. މިހާތަނަށް ރިޔޫނިއަނުންވަނީ ހަތަރު ގޯލްޑް މެޑަލް ފުޓްބޯޅައިން ހޯދާފައެވެ. ފުޓްބޯޅަ އިވެންޓްގެ ގްރޫޕް ބީގައި ހިމެނެނީ މަޑަގަސްކަރ، މޮރީޝަސް އަދި ސީޝެލްސްއެވެ.

ރާއްޖެއިން ގޭމްސްގައި ވާދަކުރާ އެހެން ޓީމް އިވެންޓްތަކަށް ބަލާއިރު، ފިރިހެން ވޮލީގައި ރާއްޖެ ލައްވާލީ ގްރޫޕް ބީގައެވެ. ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ މަޑަގަސްކަރ، ރިޔޫނިއަން އަދި ކޮމޮރޯސްއެވެ. އަންހެން ވޮލީގައި ރާއްޖެއާއިއެކު ގްރޫޕް ބީގައި ހިމެނެނީ ސީޝެލްސް އަދި ރިޔޫނިއަންއެވެ.

ބީޗް ވޮލީއަށް ބަލާލާއިރު، ފިރިހެން ބީޗް ވޮލީގައި ރާއްޖެ ލައްވާލީ މަޔޯތް، ރީޔޫނިއަން އަދި ކޮމޮރޯސްއާއިއެކު ގްރޫޕް ބީގައެވެ. އަންހެން ބީޗް ވޮލީގައި ރާއްޖެ ލައްވާލީ މުބާރާތް ބާއްވާ ގައުމު މޮރީޝަސް އަދި ސީޝެލްސްއާއިއެކު ގްރޫޕް އޭގައެވެ.

މި ކުޅިވަރުތަކުގެ އިތުރުން ފިރިހެން ބާސްކެޓްބޯޅައިގައި ރާއްޖެ ލައްވާލީ ގްރޫޕް އޭގައެވެ. އެއީ ރީޔޫނިއަން، މަޑަގަސްކަރ، އަދި ސީޝެލްސްއާއިއެކު. އަންހެން ބާސްކެޓްބޯޅައިގައި ރާއްޖެ ލައްވާލީ ގްރޫޕް ބީގައެވެ. މިގްރޫޕްގައި ހިމެނެނީ މަޔޯތް، އަދި މޮރީޝަސްއެވެ.