ވިޔަފާރި

ޖެނުއަރީމަހު ރާއްޖޭގެ ފަތުރުވެރިކަމަށް %6.5 ގެ ކުރިއެރުމެއް


ހުސްވި ޖެނުއަރީމަހު ރާއްޖޭގެ ފަތުރުވެރިކަމަށް %6.5 ގެ ކުރިއެރުމެއް ލިބިއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ޖެނުއަރީމަހު ރާއްޖެއަށް ،151،552 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހާއި އަޅާބަލާއިރު، %6.5 ގެ ކުރިއެރުމެކެވެ.

މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ޔޫރަޕްގެ ޤައުމުތަކުންނެވެ.
މި މުއްދަތުގެ ތެރޭގައި ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް 83،528 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހާއި އަޅާބަލާއިރު %9 ގެ ކުރިއެރުމެކެވެ.

ޖެނުއަރީމަހު ޔޫރަޕުން އެންމެގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، އިޓަލީވިލާތް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ރަޝިއާ، އަދި ފަރަންސޭސިވިލާތެވެ.
ޔޫރަޕްގެ އިތުރުން ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، އޭޝިއާ ޕެޝިފިކް، ދެކުނު އެމެރިކާ އަދި މެދުއިރުމަތީގެ ޤައުމުތަކުންނެވެ
ހުސްވިމަހު އޭޝިއާ ޕެޝިފިކްގެ ޤައުމުތަކުން 55،116 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެކުނު އެމެރިކާގެ ޤައުމުތަކުން ވަނީ، 7،239 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މެދުއިރުމަތީގެ ޤައުމުތަކުން 4،200 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި މުއްދަތުގެ ތެރޭގައި އެފްރިކާގެ ޤައުމުތަކުން ވަނީ، 1،453 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް ފަތުރުވެރިން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީގައި 45،090 އެނދު ރަޖިސްޓްރީކޮށްފައިވާއިރު، ބޭނުންކުރި އެނދުގެ އަދަދު އުޅެނީ 44،037 ގައެވެ.
ހުސްވިމަހު ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު %1.3 އިތުރުވެފައިވާއިރު، ޖުމްލަކޮށް މި މުއްދަތުގައި ކޮންމެ ފަތުރުވެރިއަކު 6.3 ދުވަސް ހޭދަކޮށްފައި ވެއެވެ.