އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 2031 ވަނަ އަހަރުން ފެށިގެން 48 ޓީމު ބައިވެރިކުރުމަށް ފީފާގެ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
މީގެ ކުރިން މި މުބާރާތުގައި ބައިވެރިވެވޭނީ 32 ޓީމަށެވެ. އޭގެ ބަދަލުގައި 48 ޓީމަށް މުބާރާތް ފުޅާކުރުމަށް ނިންމާފައިވާއިރު، މިއީ ކުރިއަށް އޮތް ފިރިހެނުންގެ ވޯލްޑް ކަޕް މުބާރާތުގައިވެސް ބޭނުންކުރާނެ ފޯމެޓެވެ.
ފީފާއިން މި ނިންމުން އިއުލާންކުރީ ހުކުރު ދުވަހުއެވެ. އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ގެނައި މި ބަދަލު އިއުލާންކުރަމުން ފީފާއިން ބުނެފައިވަނީ މި ބަދަލު ގެނައީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ވަރުގެ ކުރިއެރުމެއް އަންހެނުންގެ ފުޓްބޯޅައަށް ގެނައުމުގެ ބޭނުމުގައި ކަމަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި ބަދަލަކީ އަންހެންގެ ކުޅިވަރުތައް އެހެން ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. 48 ޓީމަށް މުބާރާތް ފުޅާކުރުމުން ދެން މުބާރާތުގައި ހަތަރު ޓީމުގެ މައްޗަށް އެކުލެވޭ 12 ގްރޫޕް ހިމެނޭނެއެވެ. އަދި ޖުމްލަ މެޗުތަކުގެ އަދަދު 64 އިން 104 އަށް އިތުރުވާނެއެވެ. އަދި އަންހެނުންގެ ވޯލްޑް ކަޕް މުބާރާތުގެ މުއްދަތަށްވެސް އިތުރު އެއް ހަފުތާ އިތުރު ކުރާނެއެވެ.
އަންހެނުންގެ ވޯލްޑް ކަޕް 2031 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވަނީ އެމެރިކާގައެވެ. މި މުބާރާތް ބޭއްވުމަށް އެދި ފީފާއަށް ބިޑު ހުށަހެޅި ހަމައެކަނި ގައުމަކީވެސް އެމެރިކާއެވެ. މިއީ 1999 އަދި 2003 ވަނަ އަހަރުގެ އެޑިޝަނަށް ފަހު އެމެރިކާއިން ފީފާ ވޯލްޑް ކަޕުގެ އަންހެން އެޑިޝަން ބާއްވާ ތިންވަނަ ފަހަރެވެ.
އެންމެ ފަހުން އަންހެނުންގެ ވޯލްޑް ކަޕް ބޭއްވީ 2023 ވަނަ އަހަރު އޮސްޓްރޭލިއާ އާއި ނިއުޒިލެންޑުގައެވެ. އަންހެނުންގެ ވޯލްޑް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ސްޕެއިންއެވެ.