ޚަބަރު

އިންޑިޔާއާއި ޕާކިސްތާނާ ދެމެެދު ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓާލުމުން ރާއްޖެއިން މަރުޙަބާ ކިޔައިފި


  • ދެ ޤައުމުންވެސް އަމާންކަން ޚިޔާރުކުރުމުން ޚާރިޖީ ވަޒީރު ތަޢުރީފުކުރެއްވި

  • މިއީ ސަރަހައްދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ޚާރިޖީ ވަޒީރު ވިދާޅުވި

އިންޑިޔާއާއި ޕާކިސްތާނާ ދެމެެދު ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓާލުމަށް ނިންމުމާއި ގުޅިގެން ރާއްޖެއިން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޕާކިސްތާނާއި އިންޑިޔާއިން އަމާންކަން ޚިޔާރުކޮށް މައްސަލަ ހައްލުކުރަން ނިންމުމުން ތަޢުރީފުކުރައްވާފައެވެ. އަދި މިއީ ސަރަހައްދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅިގެން ދެ ޤައުމަށްވެސް މަރުޙަބާ ވިދާޅުވެފައެވެ.

އިންޑިއާ އާއި ޕާކިސްތާނުން ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވިކަން ހާމަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގެ މައި ދެ ބާރުގެ ގޮތުގައި ބެލެވޭ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ދުނިޔޭގެ ބާރުތަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލައި، މަޝްވަރާއާއި ސުލްޙަ އިސް ކުރުމަށް ބާރު އަޅަމުންދިޔައީ އެމެރިކާއާއި ޗައިނާ ފަދަ ޤައުމުތަކުންނެވެ.