ޚަބަރު

ޒަކާތު ފަންޑުން އެހީދިން 10 ކުއްޖަކު ބޯންމެރޯ ހެދުމަށް ފުރައިފި


ބޯންމެރޯ އޮޕަރޭޝަން ކުރުމަށް ޒަކާތު ފަންޑުން އެހީދިން ކުދިންގެ ތެރެއިން ފުރަތަމަ ދިހަ ކުދިން ބޯން މެރޯ އޮޕަރޭޝަނަށް މިއަދު ފުރައިފިއެވެ.ބޯން މެރޯ އޮޕަރޭޝަނަށް ކޮންމެ ކުއްޖަކަށް ހަތް ލައްކަ ދިވެހި ރުފިޔާ ޚަރަދުވާ ކަމަށް އެންސްޕާއިން ބުނެއެވެ.ޒަކާތު ފަންޑުން ބޯން މެރޯ ހެދުމަށް އެހީދީފައިވާ 34 ކުދިންގެ ތެރެއިން ފުރަތަމަ ދިހަ ކުދިންނާއި އެކުދިންގެ ޑޯނަރުން މިއަދު ފުރާފައިވަނީ، އިންޑިއާ އަދި ލަންކާއަށެވެ.ފުރަތަމަ ދިހަ ކުދިން ހޮވާފައިވަނީ މޯލްޑިވްސް ބްލަޑް ސަރވިސް އިން ދިން ލިސްޓަށް ބަލައިގެން ކަމަށް އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވިއެވެ.މުޖުތަބާ ވިދާޅުވީ، ކުދިންގެ އޮޕަރޭޝަނާއި، ހުރުމާ ކެއުންފަދަ ހުރިހާ ޚަރަދުވެސް ހަމަ ޖައްސަނީ ޒަކާތު ފަންޑުން ކަމަށެވެ.ކޮންމެ ކުއްޖަކަށް 7 ލައްކަ ވަރަކަށް ރުފިޔާ ޚަރަދުވާއިރު، އޮޕަރޭޝަން ކުރާނީ، ލަންކާ އަދި އިންޑިއާގެ ހޮސްޕިޓަލްތަކުން ކަމަށާއި، އެ ހޮސްޕިޓަލްތަކަކީވެސް އާސަންދަ ލިބޭ ހޮސްޕިޓަލަތައް ކަމަށް މުޖުތަބާ ވިދާޅުވިއެވެ.އަދި ދެވަނަ ބެޗް އަންނަ މަހުގެތެރޭގައި ފުރުވާލުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.ފުރަތަމަ ދިހަ ކުދިން ފުރުމުގެ މުނާސަބަތުގައި މިއަދު އެއާޕޯރޓްގައި ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބޯން މެރޯ އޮޕރޭޝަން ކުރާ ކުދިންނަށްދޭ ޚާއްސަ ލިޔުންވެސް ވަނީ ހަވާލުކޮށްފައެވެ.ބޯންމެރޯ އޮޕަރޭޝަން ކުރުމަށް ފުރި ކުދިންގެ އާއިލާ ތަކުން ބުނީ، ޒަކާތު ފަންޑުން ފޯރުކޮށްދިން އެހީތެރި ކަމަކީ، ތެލެސީމިއާ ކުދިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި މި ކަމަކީ، އެތައް ދުވަހެއްގެ އުންމީދުތައް ފުރިހަމަވެގެންދިޔަ ކަމެއްކަމަށް އެކުދިންގެ ބެލެނިވެރިންވަނީ ސިފަ ކޮށްފައެވެ.ބޯންމެރޯ އޮޕަރޭޝަނަކީ ތެލަސީމިއާގެ ބަލިކުއްޖާގެ ހަލާކުވެފައިވާ ބޭންމެރޯގެ ބަދަލުގައި ރަނގަޅު މީހެއްގެ ހަށިގަނޑުން ނަގާ ބޯންމެރާ ލެއްވުމަށް ކުރާ އޮޕަރޭޝަނެކެވެ.