ޚަބަރު

ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް ހޯދާއިފި


އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އީގަލްސް ހޯދާއިފިއެވެ.

އީގަލްސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް އެކެއް ސުމަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ މި މުބާރާތް އީގަލްސް އިން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އެގޮތުން 2014 ،2016 އަދި 2017 ވަނަ އަހަރު އީގަލްސް ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް ކްލަބް އީގަލްސްއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކްލަބް އީގަލްސް ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ތިރީސް ތިންވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އަޒުމޫންއެވެ.

މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ކްލަބް އީގަލްސް ވަނީ މި މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތުތައްވެސް ތަނަވަސްކޮށްފައެވެ. އަދި ހަމައެއާއެކު ޓީސީ ސްޕޯޓްސް ކްލަބުންވެސް ވަނީ މި މެޗުގައި އީގަލްސްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ. ނަމަވެސް އީގަލްސްގެ ޑިފެންޑަރުންނާއި އެޓީމުގެ ދެވަނަ ކީޕަރ ވަނީ ހުށިޔާރުކަމާއެކު މިހަމަލާތައް ދިފާއުކޮށްފައެވެ.

މި މެޗުގައި އީގަލްސްގެ ގޯލު ބެލެހެއްޓީ އެޓީމުގެ ބަދަލު ކީޕަރ މުހައްމަދު ސިނާހުއެވެ. އެއީ ސެމީ ފައިނަލުގައި އީގަލްސްގެ އެއްވަނަ ކީޕަރ ހަސަން އަލީފް އިބްރާހިމްއަށް ރަތްކާޑު ދެއްކުމުގެ ސަބަބުންނެވެ. މި މެޗުގެ ދެވަނަ ހާފުގައި އީގަލްސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ޓީސީގެ ކީޕަރ ވަނީ ދިފާއުކޮށްފައެެވެ. އަދި އީގަލްސްގެ ކެޕްޓަން ހަސަން ރާއިފް އަހުމަދު ފޮނުވާލި ބޯޅައެއް ޓީސީގެ ދަނޑިއަށްވެސް ވަނީ އަމާޒުވެފައެެވެ.

ފައިނަލް މެޗަށްފަހު ވަނަތައް ހޯދި ކުޅުންތެރިންނަށް ވަނީ އިނާމު ދީފައެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަށް ވިކްޓްރީ ސްޕޯޓްސް ކްލަބް ހޮވުނުއިރު އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އެޓީމުގެ ގޯލު ބެލެހެއްޓި މާހީ އަބްދުﷲ އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި މާހީގެ އިތުރުން ހިމެނުނީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު އާއި އެޓީމުގެ ސައިފުﷲ އިބްރާހީމް އާއި ގްރީން ސްޓްރީޓްސް އަށް މޮޅު ކުޅުމެއްދެއްކި އަބްދުﷲ ޔާމީން އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ޝީލްޑާއި މެޑަލް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން، އެކްޓިން ސްޕޯޓްސް މިނިސްޓަރ އަލީ ވަހީދު އެވެ. އަލީ ވަހީދުގެ އިތުރުން އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.