ނަސަންދުރާއާ ދިމާއިން ބޮޑުތަކުރުފާނު މަގު، ދެކޮޅަށް ދުއްވޭ މަގަކަށް ހަދައި ރަސްފަންނު ސަރަޙައްދުން ބަންދުކޮށްފައި އޮތް ސަރަޙައްދު ހުޅުވާލުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވީ ނަސަންދުރާ ކުރިމަތިން ބޮޑުތަކުރުފާނު މަގު ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި މަސައްކަތްކުރަމުންދާއިރު މިހާރު ކުރިއަށް ދަނީ އެމަގުގެ ޓްރެފިކްގެ ޙާލަތު ވަޒަންކޮށް ބެލުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ނަސަންދުރާ ހުރި ހިސާބުން ފެށިގެން ޗާންދަނީ މަގާ ހަމައަށް ދެކޮޅަށް ދުއްވޭގޮތަށް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މީގެ އިތުރުން ރަސްފަންނު ސަރަޙައްދުގައި ބަންދުކޮށްފައި އޮތް ސަރަޙައްދު ހުޅުވާލުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. މިސަރަޙައްދު ހުޅުވާލުމަށްޓަކާއި ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ކޮންމެވެސް ވަރެއްގެ މަޑު ޖެހުމެއް ދިމާވެގެން އުޅެނީ ކުރީގެ ސަރުކާރުން މިސަރަޙައްދު ބަންދުކޮށްފައިވަނީ ޢިމާރާތްކުރަމުންދާ ކުންފުންޏާއެކު ކޮންޓްރެކްޓެއްގެ ދަށުންކަމަށްވާތީކަމަށެވެ. އެހެންކަމުން އެކުންފުންޏަށްވެސް މިކަމުގައި ގެއްލުން ނުވާނެ ގޮތްތައް ދެނެގަންނަންޖެހޭކަމަށާއި މިހާރު އެމަސައްކަތްކުރިއަށް ދާކަމަށްވެސް މިނިސްޓަރ ވިދާޅުވިެވެ.
މާލޭގެ ޓްރެފިކްގެ ޙާލަތު ރަނގަޅުކޮށް މަގުތަކުގައި ހުރި ދަތިއުނދަގޫ ކަންކަން ޙައްލުކުރުމުގެ މަސައްކަތް ޓްރާންސްޕޮޓު މިނިސްޓްރީނަ ދަނީ ވަރަށްބާރަށް ކުރައްވަމުންކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.