ޚަބަރު

މިވަގުތު ރާއްޖޭގެ ވެރިއަކަށް އެންމެއެކަށޭނަ ބޭފުޅަކީ ޤާސިމް އިބްރާހީމް - ޕްރޮގްރެސިވް ކޮންގްރެސް


މިހާރުގެ ސަރުކާރަށް ޤައުމު ނުހިންގޭކަމަށާއި ސިޔާސީ މަސްރަހް އޮތް ގޮތުން މިވަގުތު ވެރިކަމަށް ގެންނަން އެންމެ އެކަށީގެންވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީން ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހްގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް އެންމެ މުހިންމު އެއްކަމަކީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ޤާސިމް އިބްރާހީމް އިސްވެހުންނަވައި، ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުންކަމަށެވެ.

"މިވަގުތު އެންމެ ރަނގަޅު ގޮތަކީ ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށްފަހު ގާސިމް އިބްރާހިމާ ވެރިކަން ހަވާލު ކުރެއްވުން. އެމަނިކުފާނު ރައީސް ކަމަށް ވަޑައިގެން އެބަޖެހޭ ރާއްޖެ ހަމަޔަކަށް އަޅުވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ވަރަށްބޮޑަށް ތާރީފް ކުރައްވާ ޢަބްދުއްރަހީމް ވިދާޅުވީ ޤައުމަށް ގެއްލުމެއްވާ ކޮންމެ ފަހަރަކު ގާސިމް ނުކުމެވަޑައިގަންނަވާ މަންޒަރު މާޒީގެ ތެރެއިން ފެނިފައިވާ ކަމަށެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ވެސް ވަނީ ޤާސިމަށް ވަރަށް ބޮޑަށް ތާރީފު ކުރައްވާފައެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސްބޭފުޅުން ޤާސިމް އިބްރާހީމަށް ތާރީފު ކުރެއްވުން އިތުރުވެފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖޭޕީގެ ޓިކެޓްގައި ވާދަ ކުރައްވާ ބައެއް ދާއިރާތައް އެޕާޓީއަށް ދޫކޮށްލުމަށްފަހު، އެޕާޓީއާ ގުޅިގެން ވާދަކުރަން ނިންމާފައިވާ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.