ޚަބަރު

ހެލްމެޓު ދޫކުރާނީ ކޯހެއް ފުރިހަމަކުރީމަ - މިނިސްޓަރ ނަހުލާ


ސަރުކާރުން ހިލޭ ދެއްވާ ހެލްމެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށްގެންދާ ޚާއްސަ ކޯހެއް ފުރިހަމަކުރުމުންކަމަށް ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ 5000 ހެލްމެޓު ބެހުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވީ މިހެލްމެޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކާ ތައްޔާރުކޮށްފައިވާ ޚާއްސަ ކޯހެއް ފުރިހަމަ ކުރާފަރާތްތަކަށްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިކޯހުގެ ތެރެއިން ގިނަ މަޢުލޫމާތުތަކެއް ޢާއްމުނަށް ލިބޭނެގޮތަކަށް މިކޯސްތައް ފަރުމާކުރެވިފައިވާކަމަށެވެ. އެގޮތުން މިކޯހުގައި އެކްސިޑެންޓުތައް މަދުކުރުމަށް ބާރުއަޅާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކްސިޑެންޓެއް ހިނގައިފި ޙާލަތެއްގައި ޢަމަލުކުރާނެ ގޮތްތައް މިކޯހުގެ ތެރެއިން ދަސްކޮށްދޭނެއެވެ. 3 ނުވަތަ 4 ވަރަކަށް ގަޑިއިރަށް ކުރިއަށްގެންދާ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އެކަމަށް އެދި ނަންނޯޓުކުރާ ފަރާތްތަކަށްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވީ މިހެލްމެޓުތަކުގެ ތެރެއިން ބޮޑުބައެއް މިހާރު ރާއްޖެއަށް ގެނެވިފައިވާކަމަށާއި މިހާރު ވެސް ދެންހުރި ހެލްމެޓު ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އާބާދީގެ ނިސްބަތުން ބަލާއިރު 5000 ހެލްމެޓަކީ މަދު އެއްޗެއްކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ގޮތަކަށް ހެލްމެޓު ޢާއްމުނަށް ލިބޭނެ އިންތިޒާމެއް ހޯދައިދިނުންކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބެހުމަށް ހަމަޖެހިފައިވާ 5000 ހެލްމެޓުގެ ތެރެއިން 3500 ހެލްމެޓަކީ ޔުނިސެފުގެ އެހީގައި ލިބިފައިވާ ހެލްމެޓެވެ. ބާކީ 1500 ހެލްމެޓު ބީލަމަށް ހުޅުވާލައިގެން ހޯދުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފަށާފައެވެ.

ބްރިޖު މަތީ ހިނގާ އެކްސިޑެންޓުތައް އިތުރުވަމުން ދިޔުމާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީން މިހާރުވަނީ އަންނަ މާޗުމަހުގެ 10 ވަނަ ދުވަހުންފެށިގެން ބުރިޖު ހުރަސްކުރާއިރު ހެލްމެޓު އެޅުން މަޖުބޫރުކޮށްފައެވެ.