ޚަބަރު

ލޯކަލް ކައުންސިލްސް ޕާފޯރމަންސް އިންޑެކްސްއެއް ތަޢާރަފްކޮށްފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯކަލް ކައުންސިލްސް ޕާފޯރމަންސް އިންޑެކްސްއެއް ތަޢާރަފްކޮށްފިއެވެ.ލާމަރުކަޒީ ޤާނޫނަށް 4 އަހަރުފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި މި އިންޑެކްސް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.މިޖަލްސާގައި އިފްތިތާޙް ކޮށްފައިވާ ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް މެދުވެރިކޮށް ކައުންސިލްތަކުގެ ޕާފޯމަންސް ބެލޭނެކަމަށާއި، އަދި މިއިންޑެކްސްއިން ދައްކާ ނަތީޖާގެ މައްޗަށް ބިނާކޮށް ކައުންސިލްތަށް އިތުރަށް ހަރުދަނާ ކުރުމަށް ސިޔާސަތުތަށް ކަނޑައެޅުމަށް އެލްޖީއޭއާއި ކަމާބެހޭ ފަރާތްތަކަށް ފަސޭހަވެގެންދާނެކަމަށް އެލްޖީއޭއިން މައުލޫމާތުދެއެވެ. އަދި ކައުންސިލްތަކުގެ ބަޖެޓް ކަނޑައެޅުމުގައިވެސް މިއިންޑެކްސް ބޭނުންކުރެވޭނެކަމަށް އެލް.ޖީ.އޭއިންބުނެއެވެ.މިއިންޑެކްސް ބޭނުންކުރައްންފެށުމަށް ހަމަޖެހިފައިވަނީ 2016 ވަނައަހަރުން ފެށިގެންނެވެ.މި ޖަލްސާޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރާއީސުލްޖުމުހޫރިއްޔާގެ ނައިބު ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމެއް ޤާއިމު ކުރުމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނާ ކައިރިން ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ވީހިނދު އެމަޤަސަދު ހާސިލް ވާނީ އެކަމަށް އެކަށީގެންވާ ބަޔަކު ކައުންސިލްތަކަށް އިންތިޙާބްކޮށްގެންކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކުން ދޭ ޚިދުމަތްތަކަކީ ރައްޔިތުންނާއި، ރަށުގެ މާހައުލާ ގުޅުންހުރި ޚިދުމަތްތަކަކަށްވުން މުހިންމުކަމަށް ނައިބުރައީސް ވިދާޅުވިއެވެ.ލާމަރުކަޒީ ނިޒާމަކީ އިސްލާމްދީން ބާރުއަޅާ ނިޒާމެއްކަން ފާހަގަކުރައްވަމުން ނައިބުރައީސް ޑރ ޖަމީލް ވަނީ އަސްޙާބު ބޭކަލުންގެ ދުވަސްވަރު މިނިޒާމް ހަމަޖެހިފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާ ދީނީ ނަޒަރަކުން ވާހަކަފުޅު ދައްކަވާފައެވެ.މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ރައީސް ހޯމް މިނިސްޓަރ އުމަރު ނަސީރުވިދާޅުވީ ސަރުކާރުން ކައުންސިލްތަކަށް ދޭންޖެހޭ ފައިސާ ކައިރި މުސްތަޤްބަލެއްގައި ކައުންސިލްތަކާ ހަވާލުކުރައްވާނެކަމަށެވެ. އަދި ކައުންސިލްތަކުން ސަރުކާރަށް ފުރިހަމަ އެއްބާރުލުންދީ ސަރުކާރުގެ ސިޔާސަތުތަށް ތަންފީޒު ކުރުމުގައި ފުރިހަމަ އެއްބާރުލުންދިނުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ދައުލަތް ހިންގުމުގައި މުހިންމު ނިޒާމެއްކަމަށް ސަރުކާރުން ދެކޭކަމަށެވެ. އަދި ޤާނޫނުން ކައުންސިލްތަކަށް ހަވާލުކުރައްވާފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރުވުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.ލާމަރުކަޒީ ނިޒާމަށް ހޭލުންތެރިކުރުމަށް އަހަރަކު 3 ފަހަރު ނެރުމަށް ހަމަޖެހިފައިވާ މަޖައްލާ "ކަންގަތި"ވެސް ވަނީ މި ޖަލްސާގައި އިފްތިތާޙްކޮށްފައެވެ. އަދި ލާމަރުކަޒީ ނިޒާމަށް 4 އަހަރު ފުރުމާ ގުޅިގެން ބޭއްވި ލާމަރުކަޒީ ބަހުސްގެ ބައިވެރިންނަށް މިބައްދަލުވުމުގައިވަނީ ސެޓްފިކެޓްދީފައެވެ.އިދާރީ ދާއިރާތަށް ލާމަރުކަޒީ ނިޒާމެއްގެ ދަށުން ހިންގުމުގެ ޤާނޫނުގެ ދަށުން، ރާއްޖޭގައި 209 ކައުންސިލް ހިނގަމުންދާއިރު 1092 ކައުންސިލަރުން އިންތިޙާބުކުރެވިފައިވެއެވެ.