ޚަބަރު

ހުޅުމާލެ ހޭޅީފަށާއި ބީޗް ސަރަޙައްދުގައި ހިންގާ ކެފޭތައް ނެގުން އެޗްޑީސީން މަޑުޖައްސާލައިފި


ހުޅުމާލެ ހޭޅީފަށާއި ބީޗް ސަރަޙައްދުގައި ހިންގާ ކެފޭތައް ނެގުން އެޗްޑީސީން މަޑުޖައްސާލައިފިއެވެ.

އެޗްޑިސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ހުޅުމާލެ ހޭޅިފަށާއި ގޮނޑުދޮށުގައި ހިންގަމުންދާ ކެފޭތަކާއި ވިޔަފާރިތައް ނަގަން އެންގުމުން، ބައެއް ފަރާތްތަކުން އަމިއްލައަށް ކެފޭތައް ނެގިކަމަށެވެ.

އެހެންނަމަވެސް އެފަރާތްތަކާއި ވާހަކަދެއްކުމަށްފަހު، އަނެއްކާވެސް ވިޔަފާރިއަށް އެ ސަރަޙައްދުތައް ބޭނުންކުރަން ހުއްދަދީފައިވާކަމަށް ސުޙައިލް ވިދާޅުވިއެވެ. ނަމަވެސް ހަޓު ޖެހުމާއި، ބަދިގެ ފަދަ ތަންތަން ހަދައިގެން ވިޔަފާރިކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދޭކަމަށެ އޭނާ ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ ހުއްދަދީފައިވަނީ، އެސަރަޙައްދުން ފެށިގެން ދެވަނަ ފިޔަވައްސައް އަޅަންޖެހޭ ހޮޅިތަކެއް އެޅުމުގެ މަސައްކަތް ފަށަންދެންކަމަށްކަމަށެވެ. އަދި މިމަސައްކަތް ފަށާނެ ވަކި ތާރީޚެއް ނޭންގޭނަމަވެސް، މަސައްކަތް ފަށަން ކައިރިވުމުން އަނެއްކާވެސް ވިޔަފާރިތައް ނަގަން އަންގާނެކަމަށް އޭނާ ވިދާޅުވިއެވެ. ވިޔަފާރިތައް ނަގަން އެންގުމުން ނުނަގާ، ހަޓުތަކާއި ކެފޭތައް އެޗްޑީސީ މެދުވެރިވެގެން ނަގާނެކަމަށް އެ އެކޯޕަރޭޝަނުން ބުނެއެވެ.

ސުހައިލް ވިދާޅުވީ ހޭޅިފަށާއި ގޮނޑުދޮށުގައި ހިންގާ ތަންތަނަކީ އެޗްޑީސީން އެއްވެސް ފީއެއް ނެގުމަކާ ނުލައި ހިންގަމުން އަންނަ ތަންތަންކަމަށާއި، އަދި މިހާރު މަސައްކަތް މަޑުޖައްސާލިނަމަވެސް ފީއެއް ނަގަން ނިންމާފައި ނުވާކަމަށެވެ.

ހުޅުމާލޭގެ މޫދަށްއެރޭ ސަރަޙައްދުގައި ހިންގާ ކެފޭތަކާއި، މޫދުކުޅިވަރު ވިޔަފާރިތަކަކީ އެޗްޑިސީން އެއްވެސް ހުއްދައެއް ދީގެން ކުރަމުންދާ ވިޔަފާރިތަކެއް ނޫންކަން ފާހަގަކޮށްލެވެއެވެ. ބީޗް ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ނެގުމަށް އެޗްޑީސީއާއި، އިކޮނޮމިކް މިނިސްޓްރީން ވިޔަފާރުކުރާ ފަރާތްތަކަށް އަންގާފައިވަނީ އެސަރަހައްދަށް މޫދަށްއެރި، ހިތްފަސޭހަކޮށްލަންދާ ފަރާތްތަކަށް އެކަށީގެންވާ މާހައުލެއް ހޯދައިދިނުމުގެ ގޮތުންނެވެ.